07 Feb 2016, 19:04
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރު މ. ޝުރާމަންޒިލް، ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓަށް، އޭނާ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެގެން ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ މޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާ އާއި އަދި އަދީބާއި ހާމިދުގެ މައްޗަށް ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދޫކުރީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.
އެ ރަށް ކުއްޔަށް ދޫކުރުމުން ދައުލަތައް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ޗެކާ ހާވާލުވެފައި ވަނީ ޒިޔަތު ކަމަށާއި އޭގެ ފަހުން އަދީބާއި ހާމިދު ވެގެން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެ ޗެކުގައިވާ ފައިސާ ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެ މައްސަލާގައި ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ގާނޫނުން އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އަދި އަދީބާއި ހާމިދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ ގާނޫނުގެ 132 ދަށުންނެވެ.
ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ހާމިދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދީބާއި ޒިޔަތު ވިދާޅުވީ ގާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
ނަމަވެސް ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ 15 ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައިގެ ދެވަނަ އަޑުއެހުން އަންނަ މަހުގެ ދެވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.