07 Feb 2016, 15:44
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް މުވައްޒަފުންގެ ހިޔާލާއި ޝަކުވާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓްރާނެޓާއި އެސްއެމްއެސް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ފުލުހުން މިއަދު ބުނީ އިންޓްރާނެޓް މެދުވެރިކޮށް ހިޔާލާއި ޝަކުވާ ހުށަހެޅުމަށް “Ask Your Commissioner”ގެ ނަމުގައި އިންޓްރާނެޓްގައި އެކަމަށް ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ހިޔާލާއި ޝަކުވާ ހުށަހެޅުމަށް ވަކި ކީ ވޯޑެއް ޖެއްސެވުމަށް ފަހު ހިޔާލު ނުވަތަ ޝަކުވާ ލިޔުއްވުމަށް ފަހު ވަކި ނަންބަރަކަށް ފޮނުވުމުން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މުވައްޒަފުން ހުށަހަޅަން ބޭނުންވާ ހިޔާލާއި ޝަކުވާތައް ހުށަހެޅުމަށް ގްރީވެންސް ރީޑްރެޝަލް އޮފިސަރެއް ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ގްރީވެންސް ރީޑްރެޝަލް އޮފިސަރަކީ މުވައްޒަފުން ހުށަހަޅާ ޝަކުވާ އާއި ހިޔާލުތައް އަޑުއަހައި ކޮމިޝަނާ އޮފް ޕޮލިސް އާ ހަމައަށް ފޯރުކޮށްދީ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ އޮފިސަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހިދުމަތް މެދުވެރިކޮށް ހިއްސާކުރެވޭ ޚިޔާލާއި ޝަކުވާތައް ބަލަހައްޓާނީ ސިއްރު މަޢުލޫމާތުތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ހިދުމަތް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާފައިވާ އިރު އެ ހިދުމަތް މިވަގުތު ފުލުހުންނަށް އެކަނި ބޭނުންކުރެވޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ހިދުމަތް އާއްމު ރައްޔިތުންނަށް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށެވެ.