21 Apr 2011, 12:21
މިއަދުގެ މެންދުރު ނަމާދު ވަގުތު ނުވަނީސް، 11:00 ޖަހާއެހާކަންހާއިރު މަޖީދީމަގު ބަރުބަރީ މިސްކިތަށް މީހަކު އަރައި އެތައް ފަހަރެއްގެ މަތިން ބަންގިގޮވައިފި އެވެ. ބަންގީގެ އަޑަށް ގިނަ ބަޔަކު އެ މިސްކިތް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށް އެމީހާ ހުއްޓުވުމަށް ވަނީ މިއަދު މަސައްކަތްކޮށްފަ އެވެ.
ވަގުތު ނުވަނީސް ބަންގި ގޮވާތީ މިސްކިތް ކައިރިއަށް ޖަމާވި މީހުންގެ ތެރެއިން މީހަކު ބުނީ ބަރުބަރީ މިސްކިތަށް އަރައި ތަކުރާރުކޮށް މީހަކު ބަންގި ގޮވީ އެ މިސްކިތުގެ އަޑުގަދަކުރާ ސިސްޓަމް ވެސް ބޭނުންކޮށްގެން ކަމަށެވެ.
"ފުރަމަ ބަންގި ގޮވައި ނިމުނީމާ މިސްކިތަށް ދާން އުޅެނިކޮށް އަނެއްކާވެސް ބަންގި ގޮވަން ފަށައިފި. އެހިސާބުން އެނގިއްޖެ ގޯހެއް އުޅެނީކަން،" މިސްކިތް ކައިރިއަށް އެއްވި މީހުންގެ ތެރެއިން މީހަކު ބުންޏެވެ. އަދި ބުނީ މިސްކިތަށް އެރި އިރުވެސް އެމީހާ ހުއްޓައިނުލައި ބަންގި ގޮވަމުން ދިޔަ ކަމަށާއި އެވަގުތު މިސްކިތަށް އެރި މީހުން މިސްކިތުގެ ސައުންޑް ސިސްޓަމް ނިއްވާލަން ވެސް މަސައްކަތް ކުރި ކަމަށެވެ.
" ސައުންޑް ސިސްޓަމް ނިއްވާލަން މަސައްކަތް ކުރި މީހާއަށް އެކަން ކުރާކަށް ނޭނގުނު. ދެން ބަންގި ގޮވަން ހުރި މީހާ އެތަނުން ދުރުކުރަން އުޅެ އެކަމެއް ވެސް ނުވި، އެންމެ ފަހުން ފުލުހުން އައިސް އެކަން ހުއްޓުވީ،" އެއްވި މީހުންގެ ތެރެއިން އެހެން މީހަކު ބުންޏެވެ. އޭނާ ބުނީ ފުލުހުން އައިސް ބަންގި ގޮވަން ހުރި މީހާ ހުއްޓުވަން އުޅުމުން ވެސް އޭނާ ގަދަހެދި ކަމަށެވެ.
" ފުލުހުން އައިސް ބަންގި ގޮވުން ހުއްޓުވަން އުޅެން ފެށީމަ އެމީހާ ގަދަހަދަން ފެށި. ދެން ފުލުހުން އޭނާ އަތުގައި ބިޑި އަޅުވައިގެން ގެންގޮސްފި،" އޭނާ ބުންޏެވެ.
މާއަވަހަށް ބަންގި ގޮވާތީ އެއްވި މީހުންގެ ތެރެއިން އެހެން މީހަކު ބުނީ ބަންގި ގޮވި މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް އެނގިފައިވާ ކަމަށާއި ނަމަވެސް އޭނާ ރަނގަޅުވެފައި ހުންނަތާ މިހާރު ދުވަސްތަކެއް ވެސް ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މެންދުރު ނުވަނީ ބަރުބަރީ މިސްކިތުގައި މިއަދު ބަންގި ގޮވި މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރުމަށްފަހު އައިޖީއެމް ހޮސްޕިޓަލާ ހަވާލުކޮށްފައި ކަމަށެވެ.