މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މާލޭގައި ޝޯރޫމެއް ހުޅުވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި އަމިއްލަ ފަރާތަކާ އެކު ސޮއިކޮށްފި އެވެ.

ވިޔަފާރި ޝޯރޫމް އެޅުމަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޒެނިތު ކާޕެންޓްރީއާ އެކުގަ އެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ. ޒެނިތު ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޔޫސުފް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، ކުންފުނިން ވިޔަފާރިކުރާ އެކި ބާވަތްތައް ދައްކާލުމަށް އުފައްދާ އެ ޝޯރޫމްގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ކުންފުނިން ވިއްކާ މުދަލާއި ހިދުމަތްތައް ފަސޭހަކަމާ އެކު ހިއްސާކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަމުން އަންނަ އެފަދަ އެކި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

މި ފެބްރުއަރީ މަހުގެ ތެރޭގައި ޝޯރޫމް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި މަސައްކަތް ފަށާތާ ހަތަރު މަސްދުވަސް ތެރޭގައި ޝޯރޫމް ހުޅުވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އެތަނުން ފެނުގެ ތަހުލީލީ ޓެސްޓް ކުރުމުގެ ހިދުމަތާއި، އާރުއޯ ސްޕެއާތަކާއި ޕީއީ އަދި ޕީވީސީ ޕައިޕްއާއި ފިޓިންސް އަދި ފެނާ ގުޅުންހުރި ގިނަ ބާވަތްތަކެއް ދައްކާލެވި، ވިޔަފާރިވެރިންނަށް އެތަކެތި ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.