ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ކުޑަކުދިންގެ ހިޔާއަށް ބަދަލުކުރުމަށް ވާން ޖެހޭ ތައްޔާރީތައް ޖެންޑާ މިނިސްޓްރީން ވާން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން ނުވަ އަހަރުން ދަށުގެ ކުދިން ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުދިން ބަދަލުކޮށް ނިންމާލެވޭނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަން ފޮޅާ ސާފު ކުރުމާއި އެއްޗެހި ބަދަލު ކުރުމުގެ މަސައްކަތް ކަމަށެެވެ.

ހުޅުމާލޭގެ ލާލޭ ސްކޫލާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައިވާ ކުޑަކުދިންގެ ހިޔާއަކީ ޔޫއޭއީގެ މަހުމޫދު އަލް ހަޖާގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ތަނެކެވެ.

ބާރަ ކޮޓަރީގެ އިމާރާތުގައި ހުރިހާ ހިދުމަތެއްވެސް ދިނުމަށް ހަމެޖެހިފައި ވަނީ ދެ ޖިންސުގެ ކުދިންނަށް ވަކިންނެވެ. ހުޅުމާލޭގައި އިމާރާތްކުރާ ކުޑަކުދިންގެ ހިޔާ އަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް 50 ށް ވުރެ ގިނަ ކުދިން ބަދަލު ކުރެވިގެންދާނެ ކަމަށާއި، ސްކޫލަށް ދިއުމާ ހުރިހާ ކަމެއް ހަމަޖެހި އެކުދިންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.

މި މަހުގެ މެދު ތެރޭގައި ހުޅުމާލޭ ކުޑަކުދިންގެ ހިޔާ ރަސްމީކޮށް ހުޅުވާނެ އެވެ.