ޓްވިޓާއިން އެކުންފުނީގެ ސޯޝަލް ނެޓްވޯކްގެ ޓައިމްލައިނަށް ބަދަލުތަކެއް ގެންނަ ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

މީޑިއާގައި ފެތުރޭ ވާހަކަތަކަށް މައުލޫމާތު ދެއްވަމުން ޓްވިޓާގެ ޗީފް ޖެކް ޑޯސީ ވިދާޅުވީ ޓްވިޓާގެ ޓައިމްލައިން، ފޭސްބުކް ފަދައިން ބަދަލު ކުރުމަށް އެއް އިރަކުވެސް އެކުންފުނިން ވިސްނާފައި ނުވާ ކަމަށެވެ.

ޓްވިޓާގެ ފީޑްތައް މިހާރަށްވުރެވެސް އަޕްޑޭޓް ކޮށް ގެނެސް ދޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއިން އެއްވެސް ގޮޮތަކުން ފޭސްބުކް ބޭނުން ކުރާ ފަދަ އަލްގޮރިދަމްސްގެ އެހީގައި ފީޑްތައް ދައްކާގޮތަށް ޓްވިޓާ އިން ނުހަދާނެ ކަމުގެ ޔަގީން ކަން އޭނާ ވަނީ އަރުވާފައެވެ.

ފޭސްބުކްގެ ފީޑަކީ ހާއްސަ އަލްގޮރިދަމްތަކެއް ބޭނުންކޮށްގެން ވަކި ތަރުތީބެއް ނެތި ޕޯސްޓްތައް ދައްކާ ޕްލެޓްފޯމެކެވެ. އެހެންކަމުން މީގެ ހަފްތާއެއްގެ ކުރީގެ ޕޯސްޓެއްވެސް ނިއުސް ފީޑަށް އައުމަކީ ވެދާނެ ކަމެކެވެ.

އެހެން ނަމަވެސް ޓްވިޓާގައި ޕޯސްޓްތައް ފެންނާނީ އެ ޓްވީޓެއް ކޮށް އެންމެ ފަހުން ކުރި ޕޯސްޓު ވަގުތާ އެއްގޮތަށް އެންމެ މަތީގައި އިންނަ ގޮތަށެވެ.

ޓްވިޓާގެ ފީޑް ފޭސްބުކް އާ އެއްގޮތަށް ބަދަލު ކުރާ ކަމުގެ އަޑު އިވުމާއެކު ގިނަ ޔޫޒަރުންތަކެއް ވަނީ އެކަމާ ދެކޮޅަށް ފާޑުކިޔާފައެވެ.