ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު މެންދުރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ރޭ ދަންވަރުގެ ވަގުތެއްގައި މާލެއިން ފުރައިގެން ބަޔަކު މީހުން ރާއްޖޭގެ ރަށަކަށް ގޮސް، ދަންވަރު 3:00 އެހާކަންހާއިރު އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓެއް ހުޅުވުމަށް ފަހު އެ ކޯޓުގައި މަސައްކަތް ކުރާ ފަނޑިޔާރަކާ އެކު ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަދި އެ ކޯޓުގެ ނަމުގައި ނެރެފައިވާ ސައްހަ ނޫން ލިޔުމެއް މާލޭގެ މަގެއްގެ މަތީގައި ބާއްވައި އެ ލިޔުން ފުލުހުންގެ ބަޔަކާ ހަވާލު ކުރުމަށް މަސައްކަތްކޮށް، ފުލުހުން މައްސަލައަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާކަން ދައްކުވައި ދިނުމަށް މަސައްކަތްކޮށްފައިވޭ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، އެކަންކަން ހިނގަމުން ދިޔަ ވަގުތު ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ ކައިރިޔަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ބަޔަކު ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމުގައި ބައިވެރިވާނެކަން ދެއްކުމަށް ވެސް އެބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ގ. ކެނެރީގެ މުހައްމަދު ނަޝީދު ސަލާމަތީ ބާރުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރުމަށް ބާރު އަޅުއްވާ ވާހަކަ ދައްކަވާފައިވާވޭ،" ރިޔާޒު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ފުލުހުން ހާމަކުރަމުންދާނެ ކަމަށެވެ.