21 Apr 2011, 11:27
ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދަން ކަމަށް ބުނެ ޑޮލަރު ގަނެ ވިއްކާ އަގަށް ސަރުކާރުން ބަދަލުގެނައިތާ ހަފުތާއެއް ފާއިތުވިއިރު މުހިންމު ބައެއް ކާބޯ ތަކެތީގެ އަގުތަށް އެތައް ތަނަކުން މައްޗަށް ހިނގައްޖެ އެވެ.
އެޕްރީލް 10 ވަނަ ދުވަހުން ފެށިގެން ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ސަރުކާރުން ޕެގް ކުރީ ރާއްޖޭގައި އުފެދިފައި އޮތް ޑޮލަރުގެ ބުލެކް މާކެޓް ނައްތާލައި ޑޮލަރު ހަމަ އަގުގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ.
ޑޮލަރުގެ އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑު އަގުގައި ބޭންކުތަކުން ޑޮލަރު ވިއްކާއިރު އެ ބަދަލު ގެނައި ފުރަތަމަ ދުވަހު ވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތީގެ އަގު އުފުލުނު ގޮތަށް މި ހަފުތާ ތެރޭގައި ވެސް ވަނީ އަގުތަށް މައްޗަށް ގޮސްފަ އެވެ. މި ހަފުތާ ނިމެންދާއިރު އެންމެ ބޮޑަށް އަގުތަށް އުފުލިފައި ވަނީ ބޯފެނާއި ހިކި ކިރާއި އަދި ކައްކާތެލުގެ އަގެވެ. މީގެ އިތުރުން ފޯކާއި އަދި ކޮފީގެ އަގު ވެސް ވަނީ މައްޗަށް ގޮސްފަ އެވެ.
މި ހަފުތާތެރޭގައި ފެނުގެ އަގަށް އައި ބަދަލަށް ބަލާއިރު ކުރިން 38ރ އަށް ވިއްކި ތާޒާ ފެން ކޭހެއް މިހާރު ވިއްކަނީ 40ރ. އަށެވެ. އަދި ކުރިން 36ރ. އަށް ވިއްކި 500 އެމްއެލްއާއި 1.5 ލީޓަރުގެ ލައިފް ފެންކޭހަކުން ދެ ރުފިޔާ ބޮޑުކޮށް މިހާރު ވިއްކަނީ 38ރ. އަށް ޖައްސައިފަ އެވެ. އެހެންވުމުން އާންމު ބާޒާރުގައި ކުރިން ނުވަ ރުފިޔާއަށް ވިއްކަމުން އައި ފަސް ލީޓަރުގެ ލައިފް ފެންފުޅިއެއް މިހާރު ވިއްކަނީ 10ރ. އަށެވެ.
"އަޅުގަނޑުމެން އެބަ ވަރަށް މަސައްކަތް ކުރަން ވީހާ ވެސް ކުޑަކޮށް ޑޮލަރުގެ ސަބަބުން އަގުތަކަށް އައި ބަދަލު ރައްޔިތުންގެ އަތުން ނަގަން. މިހާރު މިވީ ގޮތުން ރޯ މެޓީރިއަލް އާއި އެހެނިހެން އަގުތަށް ޑޮލަރުގެ ސަބަބުން ވަނީ ބޮޑުވެފައި،" ލައިފް ފެން އުފައްދާ އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީން ވާހަކަދެއްކި އިސްއޮފިޝަލަކު އިއްޔެ ވިދާޅުވި އެވެ.
ފެނުގެ ބާވަތްތަކުގެ އަގަށް ބާޒާރުގައި ބޮޑު ބަދަލުތަކެއް އައިރު އާންމުންގެ މެދުގައި މަގުބޫލު ހިކި ކިރުގެ ބާވަތެއް ކަމަށްވާ ކޯސްޓުކިރު ހުރިހާ ސައިޒެއްގެ ދަޅެއްގެ އަގަށް ވެސް ވަނީ 27ރ. އިތުރުވެފަ އެވެ. މީގެ އިތުރުން ޔޭޔޭ ކޮފީ ކޭހަކުން 100ރ. ވަރު ވެސް ވަނީ މައްޗަށް ގޮސްފަ އެވެ.
"ކޮފީ އާއި ކޯސްޓްކިރާ މި އެއްޗިހި ބޮޑުތަނުން މި ހުރީ ބޮޑުވެފައި. އެކަން އެހެންވާނީ. ޑޮލަރުގެ އަގުގެ ބޮޑުވުން މީ މައްސަލައެއްކަމަށް ހޯލްސޭލްކުރާ މީހުން މި ބުނަނީ. އެމީހުން އަތުން ބޮޑުކޮށް މި ލިބެނީ،" މާލޭގެ ދެތިން ސަރަހައްދެއްގައި ކަންމަތީ ފިހާރަ ހިންގާ އަހުމަދު މުހަންމަދު ކިޔާ މީހަކު އިއްޔެ ބުންޏެވެ.
މި ހަފުތާތެރޭ އަގުތައް ބޮޑު ބަދަލެއް އައިއިރު ކުރިން 60ރ. އަށް ވިއްކަމުން އައި ފޯއްކިލޯ އެއްގެ އަގު މިހާރު ވަނީ 70ރ. އުފުލިފަ އެވެ.
އަގުތަކަށް އައި ބަދަލާއި ގުޅިގެން ބައެއް ހޯލްސޭލްކުރާ ފަރާތްތަކުން ނޫހަށް މައުލޫމާތު ދޭކަށް ބޭނުމެއް ނުވެ އެވެ. އެމީހުން ނުރުހުމުގެ އިނގިލި ދިއްކުރަނީ ސަރުކާރަށެވެ.
"އަޅުގަނޑުމެން ނުޖެހޭނުން ކޮމެންޓް ކުރާކަށް. އެކަން އެންމެންނަށް ވެސް އެނގޭ. މީ ޑޮލަރުގެ މައްސަލަކަން. ދެން އޭގަ ކީކޭ އަޅުގަނޑު ކިޔާނީ،" ފުޅާ ދާއިރާއެއްގައި ބޭރުން މުދާ ގެންނަ މީހަކު ނަން ހާމަކުރަން ދެކޮޅު ހައްދަވާ ވިދާޅުވި އެވެ.
ޑޮލަރުގެ އަގު 20 ޕަސެންޓެއްގެ ބޭންޑެއްގެ ތެރޭގައި ފްލޯޓް ކުރުމުން ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ނައިސް ތަކެތީގެ އަގު އެތައް ތަނަކުން އުފުލުމުން އެކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ޑޮލަރު ގަނެ ވިއްކުމަށް ގެނައި ބޮޑު ބަދަލާ އެކު ޑޮލަރުގެ މައްސަލަ ހަމައަކަށް އެޅުވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށާއި ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް ޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާ ގުޅިގެން އޯޕަން މާކެޓް އޮޕަރޭޝަންތަކާއި އިގްތިސޯދީ ހާއްސަ ފިޔަވަޅުތައް އަޅަމުން އަންނާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވާލަން ތަކެތީގެ އަގުތަށް އުފުލޭނެ. އަޅުގަނޑު އަދިވެސް ތަކުރާރު ކޮށްލާނަން މިހެން ބުނަންޖެހޭތީ ދެރަވެސްވެ. އެކަމަކު މި ދަތި އަޅުގަނޑުމެން އެބަޖެހޭ އިހުސާސް ކުރަން. އެހެން ނޫނީ މި ބައްޔަށް ފަރުވާއެއް ނެތް،" ވަރަށް ފަހުން މިނިސްޓަރުކަމަށް އައްޔަންކުރި ޒުވާން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވި އެވެ.