07 Feb 2016, 12:52
އެލައިޑް އިންޝުއަރަންސް މެދުވެރިކޮށް އޮޑިދޯނި ފަހަރު އިންޝުއާ ކުރުމުން މާކިއުރީ އައުޓްބޯޑު އިންޖީނެއް ހޯދުމުގެ ފުރުސަތު އެލައިޑުން ހުޅުވާލައިފި އެވެ.
މިއަދުން ފެށިގެން އޭޕްރީލް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެލައިޑް ހަލް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް މެދުވެރިކޮށް އޮޑިދޯނިފަހަރު އިންޝުއާ ކުރާ ފަރާތްތަކަށް ހަސަން މެރިން އިންޖިނިއަރިން ސާވިސަސް އިން ހަދިޔާ ކުރާ، 85،000 ރުފިޔާގެ އަގުހުރި 30 ހޯސްޕަވަރުގެ 4 ސްޓްރޯކް މާކިއުރީ އައުޓްބޯޑު އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ޕްރޮމޯޝަންގެ އެއްބަސްވުމުގައި މިއަދު ވަނީ އެ ދެކުންފުނިން ވެސް ސޮއިކޮށްފަ އެވެ. ސަލްސާ ރޯޔަލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެލައިޑް އިންޝުއަރަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދު އެވެ. ހަސަން މެރީންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު ނިޔާޒު ވިދާޅުވީ، އެ ޕްރޮމޯޝަނަކީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ. އޭނާ ވިދާޅުވީ މޫސުން ގޯސްވެއްޖެ ނަމަ ކަނޑުމަތީގެ ހާދިސާއެއް ނުހިނގާ ދުވަހެއް ނުދާ ކަމަށާއި އެފަދަ ކޮންމެ ހާދިސާއެއްގައި އެތަކެތީގެ ވެރިންނަށް މިލިއަން ރުފިޔާ އިން ގެއްލުންވާ ކަމަށެވެ.
"މި ހިދުމަތުގެ ފައިދާ ރައްޔިތުންނަށް އަންގައިދިނުމަކީ މުހިންމުކަމެއް. އެލައިޑް ހަލް އިންޝުއަރަންސް އަދި އަޔާދީ ހަލް ތަކާފުލް އަކީ މިކަންކަމަށް އޮތް ރައްކާތެރިކަން،" ނިޔާޒް ވިދާޅުވި އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ހަސަން މެރިންގެ އެމްޑީ ހަސަން ހަލީމް ވިދާޅުވީ، އެލައިޑް ފަދަ ބޮޑު ކުންފުންޏަކާ އެކު ފައިދާ ހުރި މުހިންމު ހިދުމަތެއް ރައްޔިތުންނަށް އަންގައިދެވި، އޮޑިދޯނިފަހަރުގެ ރައްކާތެރިކަން ކަށަވަރުވެގެން ދިއުމަކީ ހަސަން މެރިންއަށް ލިބޭ އުފަލެއް ކަމަށެވެ. އެހެންކަމުން ޕްރޮމޯޝަންގެ އިނާމަކަށް ހުށަހަޅާފައި ވާނީ ވެސް ރައްޔިތުން ގަޔާވާ ކަހަލަ އަގުހުރި އިނާމެއް ކަމަށް ހަސަން ހަލީމް ވިދާޅުވި އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ޕްރޮމޯޝަންގެ މުއްދަތުގައި އެލައިޑްގެ ޓީމުތަކުން ރާއްޖޭގެ ފަސް ދަރަހައްދަކަށް ދަތުރުކޮށް މައުލޫމާތު ފޯރުކޮށްދީ، ހިދުމަތް ހޯދަން ބޭނުންވާ އޮޑިވެރިންނަށް ވަގުތުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހު ހއ، ހދ، ތ، ރ އަދި ފ. އަތޮޅުގެ ރަށްތަކަށް ގޮސް މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ދަތުރަށް ފުރުމުގެ ކުރިންއެ ކުންފުނީގެ ފޭސްބުކް ޕޭޖްމެދުވެރިކޮށް، ދާ ރަށެއްގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.