ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކަމާ އެކު ނަޒާހަތްތެރިވުމަށް ބާރުއެޅުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފެއްދި ނަޒާހަތްތެރިކަމުގެ ވައުދުގައި ސިވިލް ސާވިސް ކޮމިޝަނުން ސޮއިކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ މެމްބަރުންނާއި ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއި ކުރައްވާފައި ވަނީ އެ ކޮމިޝަންގެ ފަސް މެމްބަރުންނެވެ.

ގައުމީ ނަޒާހަތްތެރިކަމުގެ ވައުދުގައި އެންމެ ކުރިން ސޮއި ކޮށްފައި ވަނީ އޭސީސީއިންނެވެ. އެއަށް ފަހު ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން އެ ވައުދުގައި އެންމެ ފުރަތަމަ ސޮއި ކުރި މުއައްސަސާއަކީ ސިވިލް ސާވިސް ކޮމިޝަނެވެ.

މިއަދު ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ނަޒާހަތްތެރިކަމުގެ ވައުދުގައި ކޮމިިޝަަންގެ މުވައްޒަފުން ސޮއި ކުރަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭސީސީ އިން ބުނެފައި ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ވެސް އެ ވައުދުގައި ސޮއި ކުރުމަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

އޭސީސީ އިން މައުލޫމާތުދޭ ގޮތުގައި، ވައުދުގެ މަޤްސަދަކީ ދައުލަތުގެ މުވައްޒަފުން ނަޒާހަތްތެރިކަމާ އެކު ޒިންމާދާރުވުމަށް ބާރުއެޅުމުގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުން ވެސް ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަޒުމް ކަނޑައެޅުން ކަމަށެވެ.

ރާއްޖެ އިން ކޮރަޕްޝަން ނައްތާލުމަށް ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އިފްތިތާހް ކުރި ވައުދުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން ސޮއި ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މީގެ ކުރިން ވަނީ ބުންޏެވެ.