މިއަދުގެ ސަރުކާރަކީ އެއްވެސް ވަރަކަށް ބޭކާރު ވާހަކަދައްކާ ބައެއް ނޫން ކަމަށާއި، ސަރުކާރުން ކުރަނީ މަސައްކަތް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އދ.ދަނގެތި އަދި ރ. މީދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އިދިކޮޅު ފަރާތްތަކުން ކުރާ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ ބައެއް ކަހަލަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމަށް ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ވާހަކަތައް ބޭރު ދުނިޔެއާ ހިއްސާ ކުރާ އިރު، ރާއްޖެ އަށާއި ދިވެހިންނަށް ގެއްލުން ލިބޭނެ ފަދަ ގޮތަކަށް އެކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ޓަކައި ސަރުކާރުން ކޮށްފައިވާ އަދި ކޮށްދެމުން އަންނަ ކަންތައްތަކުގެ ވާހަކަ ދެއްކުން މާ ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެއްގޮތަކަށް ވެސް އަނގަތަޅާ ބައެއް ނޫން. އަޅުގަނޑުމެންނަކީ މަސައްކަތް ކުރާ ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވީމާ ރާއްޖެ އަށް ހަޑި ނަން ލިބޭ ގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ރާއްޖެ ކުރިއެރުވަން ބޭނުންވާ ކަންކަން ކުރުމަށް އަތުކުރި އޮޅާލައި ސަރުކާރާ އެކު މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ވަރަށް ހަލުވި ބާރުމިނެއްގައި ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ވެސް 10 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައިވާ ކަމަށާއި މި އަހަރުގެ މަސައްކަތްތައް ވެސް އަދި އޮތީ ކުރިއަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"މި ހުރިހާ ކަމެއް ކުރަމުން ދާއިރު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުން،" މިނިސްޓަރު ވިދާޅުވި އެވެ.