07 Feb 2016, 13:45
ފަނޑިޔާރުންނަށް ބައިވެރިވެވޭނީ ފަނޑިޔާރުންގެ ހައިބަތާ އެކަށީގެންވާގޮތަށް ފަރުމާކުރެވޭ، ހަމައެކަނި ފަނޑިޔާރުންނަށް ހާއްސަ ޓްރެއިނިން ޕްރޮގުރާމުތަކުގައި އެކަނި ކަމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އާންމު ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް، ބައެއް މުއައްސަސާތަކުން އެކިއެކި ފަރާތްތައް ބައިވެރިވާގޮތަށް ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކުގައި ފަނޑިޔާރުން ބައިވެރިކުރުމަށް އެދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ، ފަނޑިޔާރުންނަށް އަމާޒުކޮށްގެން ހިންގޭ އެފަދަ ޕްރޮގްރާމްތައް ވާންޖެހޭނީ ފަނޑިޔާރުންނަށް ކިޔަވައިދިނުމަށް ހިންގޭ ޕްރޮގްރާމްތަކެއްގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި މައުލޫއަކާ ގުޅޭގޮތުން ފަނޑިޔާރުންނަށް މައުލޫމާތު ހިއްސާކުރުމާއި ފަނޑިޔާރުންގެ ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކަކަށް ކަމަށެވެ.
"މިފަދަ ޕްރޮގްރާމްތަކުގައި ފަނޑިޔާރުންނަށް މަޢުލޫމާތު ޙިއްޞާކޮށްދެއްވައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަން ވާނީ ފަނޑިޔާރުންގެ މަޤާމާއި އެކަށީގެންވާ ފެންވަރެއްގެ ފަރާތަކުން ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ." ޑީޖޭއޭ އިން ބުނެފައިވެ އެވެ.
ޑީޖޭއޭ އިން ބުނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންވާ އިތުރު ތަމްރީނުގެ ބާވަތްތަކާއި އެ ތަމްރީނު ދެވޭ ގޮތްތައް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ލަފާފުޅުގެ މަތީން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.