ކޮލަމްބޯ (ފެބްރުއަރީ 7): ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު، ޒައިދު ރާދް އަލް ހުސައިން އިއްޔެ ލަންކާއަށް ވަޑައިގެންފި އެވެ.

ލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި، އިންސާނީ ހައްގުތަކާ ހިލާފު އަނިޔާތަކާ ކުރިމަތިލާން ޖެހުނު ލަންކާ ރައްޔިތުންނާއި ހަނގުރާމައިގައި ހިންގި ޖަރީމާތައް ތަހުގީގު ކުރަމުންދާ ފަރާތްތަކާ ހުސައިން ބައްދަލުކުރައްވާނެ އެވެ. އަދި ތަމަޅަ ޓައިގަރުންނާ ލަންކާ ސަރުކާރާ ހަނގުރާމަ ކުރި ސަރަހައްދަށް ހުސައިން ޒިޔާރަތް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިދިޔަ އަހަރު ލަންކާ ސަރުކާރުން ވަނީ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމުގައި ބޭރު ގައުމުތަކުގެ ފަޑިޔާރުން ހިމެނުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، މިދިޔަ މަހު އެގައުމުގެ ރައީސް މާތިރިޕިއްލަ ސިރިސޭނާ ވަނީ ތަހުގީގުތަކަށް ފަނޑިޔާރު "އެތެރެކުރަން" ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ދާހިލީ މައްސަލަތައް ހައްލު ކުރަން މިގައުމުގަ އެބަތިބި އެކަމަށް ހާއްސަ މާހިރުން،" ސިރިސޭނާ ވިދާޅުވި އެވެ.

ލަންކާ ސަރުކާރާއި ތަމަޅަ ޓައިގަރުންނާ ކުރި ހަނގުރާމައިގައި ލަންކާ އަސްކަރިއްޔާއިން 40،000 ވަރަކަށް އާއްމުން މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. (ބީބީސީ)