07 Feb 2016, 11:46
ސަރުކާރުގެ ދައުވަތަކަށް ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރުންގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ޔޫރަޕިއަން ޕާލިމަންޓުގެ ވަފްދެއް މިއަދު ރާއްޖެ އައިސްފައިވާއިރު، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ވަފްދެއް ވަނީ މިއަދު ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ސީމެގުން ވެސް ރާއްޖެ އައިސްފައި ވަނީ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ.
Members of the European Parliament arrives in Maldives on official visitpic.twitter.com/9oiEdzyesN
— MFA-Maldives (@MDVForeign)February 7, 2016
ފޮރިން މިނިސްޓްރީން ބުނީ ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުން ވެސް ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލު ކުރާނެ ކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވެފައި ވަނީ، ޔޫރަޕިއަން ޕާލިމެންޓަށް ވެސް ރާއްޖެއާ ގުޅޭ ގޮތުން ކަންކަން އޮތްގޮތް އޮޅިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ދާދި ފަހުން ފެނިވަޑައިގަންނަވާނެ ވަރަށް ވަރުގަދަ ރެސޮލިއުޝަނެއް، ރާއްޖޭގެ ހާލަތާ އެކަށީގެންވާ ވަރުގެ ރެސޮލިއުޝަނެއް ނޫން އެއީ،" ދުންޔާ ވިދާޅުވި އެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބަންދުގައި ތިއްބެވި އެހެން ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި ގަރާރަށް އިޝާރާތް ކުރައްވައި ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، ރާއްޖެ އިން އިންސާނިއްޔައްތާ ހިލާފު ކަންކަން ހިންގާ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކުރާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެފަދަ އަމަލުތަކެއް ހިންގާފައި ނުވާނެ ކަމަށާއި އަދި ނުވެސް ހިންގާނެ ކަމަށެވެ.