ކުއެޓާ (ފެބްރުއަރީ 7):ޕާކިސްތާނުގެ ކުއެޓާގައި ބައިސްކަލެއް ދުއްވާފައި ދިޔަ މީހަކު ސަލާމަތީ ފައުޖުތަކުގެ އުޅަނދަކަށް އަމާޒުކޮށް އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އަށް މީހަކު މަރާލައިފި އެވެ.

ޕާކިސްތާނުގެ ތާލިބާނުންގެ ތަރުޖަމާނު މުހައްމަދު ހުރަސާނީ ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ.

ޕާކިސްތާނު ސަރުކާރުގެ ތަރުޖަމާނު އަންވަރު ކަކާ ވިދާޅުވީ، އެހަމަލާގައި މަރުވީ ހަ އާއްމުންނާއި ދެ ސިފައިން ކަމަށެވެ. އަދި އިތުރު 25 ވަރަކަށް މީހުން ޒަހަމްވި ކަމަށެވެ.

ތާލިބާނުން ހައްޔަރުކުރުމަށް 2014 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރިއްޔާއިން ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު އެގައުމުގައި ދިން އަސްކަރީ ހަމަލާތައް ވަނީ މަދުވެފަ އެވެ. ނަމަވެސް، އެޖަމާއަތުން އަދިވެސް ދަނީ ބޮޑެތި ހަމަލާތައް ދެމުންނެވެ. މިދިޔަ މަހު އެޖަމާއަތުން ކުއެޓާގެ ޕޯލިއޯ ވެކްސިނޭޝަން ސެންޓަރެއް ކައިރީ ދިން ހަމަލާއެއްގެ ސަބަބުން 15 މީހަކު މަރުވި އެވެ. (އޭޕީ)