އެމްއެންބީސީގެ ނޫސްވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އެމްއެންބީސީގައި ކުޅިވަރު ޚަބަރު ކަވަރު ކުރަމުން އަންނަ ޖާނަލިސްޓެއް ކަމަށްވާ މުހައްމަދު ސޯދިގު (ޗޯޓޭ) އަށެވެ. ސޯދިގަށް ހަމަލާދިނީ ރޭ ދަންވަރު 3:30 ހާއިރު އޭނާ ޑިއުޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީ ޝޭޑީކެބިން ކައިރިން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް އެމްއެންބީސީގެ ޖާނަލިސްޓަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ ހަމަލާގައި ވަޅި އަޅައި ޒަހަމްކޮށްލާފައި ވަނީ ސޯދިގުގެ އަތުގެ މުލައްދަނޑި އެވެ.

އެމްއެންބީސީގެ އެހެން ޖާނަލިސްޓަކު ބުނީ ސޯދިގަށް ރޭ ބަޔަކު ހަމަލާދިނުމާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް އޭނާ އަށް ހަމަލާދިން ސަބަބެއް ނޭނގޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

ވަޅިން ސޯދިގަށް ހަމަލާދީ ޒަޚަމްކޮލުމާއި ގުޅިގެން ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ގޮވާލައި ގިނަ އަނދަދެއްގެ ނޫސްވެރިން ވަނީ ފުލުހުންގެ އިދާރާ ދޮށަށް މިއަދު އެއްވެ އިހްތިޖާޖް ކޮށްފަ އެވެ.

އެގޮތުން ނޫސްވެރިންނަށް ދޭ ހަމަލާ އިތުރުވަމުން ދާ ކަމަށައި ނޫސްވެރިން ހިމާޔަތް ކޮށްދިނުމަށާއި އެދިފައިވާ ޕޯސްޓަރުތަކާއެކު ގިނަ އަނދަދެއްގެ ނޫސްވެރިން ފުލުހުންގެ މައި މަރުކަޒު ކައިރިއަށް މިއަދު ގޮސްފައި ވެއެވެ.
ނޫސްވެރިންގެ އިހްތިޖާޖާ ގުޅިގެން ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހާއި ޑެޕިއުޓީ ފުލުސް ކޮމިޝަނަރު އިސްމާއިލް އަތީފް ވަނީ ބައެއް ނޫސްވެރިންނާ މީޑިއާ ކައުންސިލްގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވާފަ އެވެ.

އެބޭފުޅުން ދެއްކެވި ވާހަކައިގައި މާރާމާރީތައް އިތުރުވެފައިވާ މައްސަލަ އަކީ ފުލުހުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި ނޫސްވެރިންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އަދި މުޖްތަމައުގައި ކުށްކުރުން އިތުރުވެގެން އުޅެނީ ޖަލުގައި ތިބެންޖެހޭ އެތަށް ބަޔަކު މުޖްތަމަޢު ތެރެއަށް ދޫވެގެން އުޅޭތީ ކަން ވެސް ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެ ގޮތުން ބޮޑެތި ކުށްތައްކޮށްފައި ތިބި މީހުންގެ ނަންތަކާ ފޮޓޯ ތައް ނޫސްވެރިންނަށް ކޮމިޝަނާ ދެއްކެވި އެވެ.

---
12:59 ފުލުސް މަރުކަޒު ކައިރިއަށް ޖަމާވި ނޫސްވެރިން އެސަރަހައްދު ދޫކޮށް ނައްޓާލައިފި. ފުރަތަމަ މަސައްކަތް ކުރީ އަލުން ރައީސް އޮފީސް ކައިރިއަށް ދިއުމަށް. ނަމަވެސް ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާތީ އެއްވުން ނިންމާލުމަށް ފަހު ނޫސްވެރިން ވަނީ އެނބުރި މަސައްކަތަށް ގޮސްފައި.

12:59 ނޫސްވެރިން އަދިވެސް ތިބި ގޮތަށް ތިބީ އެވެ. ކޮމިޝަނާއާ ބައްދަލު ކުރަން ވަން އެޑިޓަރުން މިހާރު ނުކުމެ ވަޑައިގެންފި. އެބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުން އެބަދޭ.

12:04 ނޫސްވެރިން އުފުލައިގެން ތިބި ބޯޑުތައް ތިރިކުރުމަށާއި މުޒާހަރާއެއްގެ މަންޒަރު ނުދެއްކުމަށް ފުލުހުން ދެންމެ އަންފައިފި. ނަމަވެސް އެގޮތަށް ކުރަން ނޭންގޭނެ ކަމަށް ބުނެ ބޯޑުތައް އުފުލަައިގެން ނޫސްވެރިން ޝުއޫރު ފާޅުކުރަމުން އެބަދޭ.

11:21 ފުލުސް މަރުކަޒު ދޮށަށް އެއްވެފައިވާ ނޫސްވެރިންގެ ތެރޭގައި ހިމެނޭ އެޑިޓަރުން އަނެއްކާވެސް ފުލުސް މަރުކަޒަށް ވަދެއްޖެ. ނޫސްވެެރިން މިހާރު ތިބީ ބޯޑުތައް ހިފައިގެން މަރުކަޒުގެ ކުރިމަތީގައި. ބޯޑުތަކުގައި ނޫސްވެރިންނަށް ދޭ ހަމަލަތަކުގ ވާހަކަތަކާއި ކުށްވެރިން ވާހަކަތައް ލިޔެފައި އެބަހުރި.

11:21 އެބޭފުޅުން ވަދައިވަޑައިގަތީ ކޮމިޝަނާ ފަސީހާ ބައްދަލު ކުރުމަށް ނަމަވެސް ކޮމިޝަނާ ބައްދަލުވުމެއްގައި އިންނެވުމުން މިހާރު ހުރިހާ އެެޑިޓަރުން ބޭރަށް ނުކުމެއްޖެ. ސަރަހައްދަށް ވަރަށް ގިނަ މީހުން ވެސް ވަނީ ޖަމާވެފައި. ފުލުހުން ވެސް ހަރަކާތްތެރިވަމުން އެބަދޭ.

11:19 ސޯޯދިގަށް ދިން ހަމަލައާ ގުޅިހެން ފުލުސް މަރުކަޒު ކައިރިއަށް އެއްވި ނޫސްވެރިންގެ ތެރެއިން ނޫސްތަކާއި ރޭޑިއޯ ޗެނަލްތަކާއި ޓީވީތަކުގެ އެޑިޓަރުން ފުލުހުންނާ ވާހަކަ ދައްކަން ފުލުސް މަރުކަޒަށް ވަދެއްޖެ.

11:13 އެމްއެންބީސީގެ ނޫސްވެރިންނާއި މިޑިޔާގެ އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ވަރަށް ގިނަ ނޫސްވެރިންނާއި އެޑިޓަރުން ވެސް މިވަގުތު ތިބީ ފުލުސް މަރުކަޒު ކައިރީގައި. އެމްއެންބީސީގެ ބައެއް ނޫސްވެރިން ފުލުސް މަރުކަޒުގެ ތެރެއަށް ދެންމެ ވަދެއްޖެ. ޝުއޫރު ފާޅުކުރުމުގެ ހަރަކާތެއް ނުހިނގާ.

10:57 ސޯދިގަށް ދިން ހަމަލައާ ގުޅިގެން އެމްއެންބީސީގެ ނޫސްވެރިން ފުލުސް އޮފީސް ކައިރިއަށް ޖަމާވުމަށް އެ ދިމާއަށް އެބަދެ އެވެ. އެމީހުން ދަނީ ސޯދިގަށް ދިން ހަމަލަ ކުށްވެރިކޮށް އެކަމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި އިހުތިޖާޖު ކުރުމަށެެވެ. އެމްއެންބީސީގެ ޖާނަލިސްޓުންނާއެކު ހުރިހާ އެޑިޓަރުން ވެސް އެދިމާއަށް މިހާރު އެބަދެ އެވެ.

އެމްއެންބީސީގެ ނޫސްވެރިޔަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

އެކަން ވަނީ ފުލުހުން ވެސް ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އެމްއެންބީސީގައި ކުޅިވަރު ޚަބަރު ކަވަރު ކުރަމުން އަންނަ ޖާނަލިސްޓެއް ކަމަށްވާ އަހުމަދު ސޯދިގް (ޗޯޓޭ) އަށެވެ. ސޯދިގަށް ހަމަލާދިނީ ރޭ 3:30 ހާއިރު އޭނާ ޑިއުޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީ ޝޭޑީކެބިން ކައިރިން ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެންނެވެ. އެގޮތުން އޭނާގެ އަތުގެ މުލައްދަނޑީގައި ބަޔަކު ވަނީ ވަޅި އަޅާފަ އެވެ.

އެމްއެންބީސީގެ ޖާނަލިސްޓަކު ބުނީ ސޯދިގަށް ރޭ ބަޔަކު ހަމަލާދިނުމާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އޭނާ އަށް ހަމަލާދޭން ޖެހޭ އެއްވެސް ސަބަބެއްނޭންގޭ ކަމަށް ވެސް ސޯދިގާ ހަވާލާދީ އެމްއެންބީސީގެ ޖާނަލިސްޓަކު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.