ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން މ. ދިއްގަރަށް ފެން ހިންދާ ޕަންޕުތަކެއް ހަދިޔާކޮށްފިއެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން ސަން އަށް ވިދާޅުވީ އެ ސެންޓަރުން މިދިޔަ ހަދިޔާކޮށްފައި ވަނީ ތިން ޕަންޕާއި އަދި ޕަންޕު ބޭނުންކުރާނެ ސާމާނުތަކުގެ އިތުރުން ފެން ހިންދުމުގެ މަސައްކަތް ކުރާއިރު އަޅާނެ ހެދުންތައް ކަމަށެވެ.

އިމްރާން ވިދާޅުވީ އެ ޕަންޕުތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް ޕްރޮގްރާމްތަކެއް ހިންގަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޕަންޕުތަކަކީ އެރަށަށް ކޮންމެހެން ވެސް މުހިންމު އެއްޗެއް ކަމަށާއި ސަބަބަކީ އެރަށަކީ ވަރަށް ބޮޑަށް އުދައަރާ ރަށެއް ކަމުގައިވުމުން އުދައަރާ ދުވަސްވަރު ރަށުތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާން ނިއްވާނެގޮތް އެރަށު ރައްޔިތުންނަށް ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮފްރާމެއް ފަށާފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އަލިފާން ނިއްވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމާ ބެހޭގޮތުން ދިއްގަރުގައި ރޭ އެމްއެންޑީއެފް އިން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ދިއްގަރު ކައުންސިލް

އޭނާ ވިދާޅުވީ މިހާރު ފަށައިގެން ކުރިއަށް ގެންދަނީ ސްކޫލް ކުދިންނަށް އަލިފާން ނިއްވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކަމަށެވެ. އަދި އޭގެފަހުން ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންނާއި މަސްވެރިންނަށް ވެސް އަލިފާން ނިއްވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަސްކޮށްދެނީ އަލިފާން ނިއްވާ ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތާއި އަދި އެނޫން ގޮތްގޮތަށް އަލިފާން ނިއްވާނެ ގޮތް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.