07 Feb 2016, 10:23
އެގާރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިއަދު މާލެ ގެނެސްފި އެވެ.
ކާނަލް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، ބޭސް ފަރުވާއަކަށް ނާޒިމް މާލެ ގެނެސްފައިވާ ކަމަށެވެ.
ނާޒިމް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ ކޮން ކަމަކާ ގުޅިގެން ކަމެއް އާޒިމް ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންނަކަށް ކަރެކްޝަނަލް ސާވިސް އަކުން ނާންގާ އިނގޭތޯ ކާނަލް ނާޒިމް މާލެ ގެނެސްފައެއް. އަޅުގަނޑަށް ވެސް ޔަގީން ކަމާއި އެކީ ބުނެވޭނީ މާލެ ގެނެސްފައިވާ ކަން،" އާޒިމް ވިދާޅުވި އެވެ.
އެކަމާއި ގުޅޭގޮތުން ކަރެކްޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނާޒިމް މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.