އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް، އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ރޮބިން ކުމާރު ދޮވަން އާ ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހެނދުނު ވިޝާކާޕަޓްނަމް އީސްޓަން ނޭވަލް ކޮމާންޑްގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށާއި އަދި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އެބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ އިން ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ވިޝާކާޕަޓްނަމް، އީސްޓަން ނޭވަލް ކޮމާންޑަށް ޗީފް އޮފް ޑިފެންސް ފޯސް މިއަދު ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ނޭވަލް ޗީފް އޮފް ސްޓާފް އެރުވި ހެނދުނުގެ ސައިފޮދެއްގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ވިޝާކާޕަޓްނަމް އީސްޓަން ނޭވަލް ކޮމާންޑްގެ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއި ކުރައްވާފަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އެ ދަތުރުފުޅަކީ މިމަހުގެ 4 ން 8 ވަނަ ދުވަހަށް އިންޑިއަން ނޭވީގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ފްލީޓް ރިވިއުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.