07 Feb 2016, 09:44
ސޯލް (ފެބްރުއަރީ 7):ޔޫއެން އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް، ނޯތު ކޮރެއާ އިން މިއަދު ލޯންގް ރޭންޖް ރޮކެޓެއް ލޯންޗްކޮށްފި އެވެ.
ރޮކެޓް ލޯންޗް ކުރުމުގެ ކުރިން އުތުރު ކޮރެއާ އިން ވަނީ މިމަހުގެ 7 އާއި 14އާ ދޭތެރޭ، "އާތު އޮބްޒަވޭޝަން ސެޓެލައިޓެއް" ހިމެނޭ ރޮކެޓެއް ލޯންޗް ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް، އެމެރިކާ އާއި ގިނަ ގައުމުތަކުން ވަނީ އެއީ ލޯންގް ރޭންޖް މިސައިލް ޓެސްޓެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެހެންކަމުން، އެމެރިކާ އާއި ޖަޕާނާއި ދެކުނު ކޮރެއާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޔޫއެސް ސްޓްރެޓީޖިކް ޑިޕާންޓްމެންޓުން ވަނީ އެރޮކެޓް ޖައްވުން ފެނުނު ކަން ކަށަވަރުކޮށްދީފަ އެވެ.
ރޮކެޓް ފެއިލްވި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ވުމުން ދެކެނު ކޮރެއާ އިން މިހާރު ދަނީ އެރިޕޯޓުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު އުތުރު ކޮރެއާ އިން ވަނީ އެގައުމުން ހައިޑްރޮޖެން ބޮމެއް ޓެސްޓުކޮށްފައިވާ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)