07 Feb 2016, 09:45
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) 14 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) ހޯދިއިރު އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އިން ހޯދައިފިއެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ކުޅުނު އެ މުބާރާތުގައި އިއްޔެ ހެނދުނު ކުޅުނު ދެވަނަ ޑިވިޝަންގެ ފައިނަލް ގައި އީއެމްއީ އިން މެޗު ކާމިޔާބް ކުރީ، 2-0ގެ ނަތީޖާ އަކުން އިންޓްރޭޓެޑް ހެޑްކްއޯޓަރޒް (އައިއެޗްކިއު) ބަލިކުރުމަށް ފަހުގައެވެ. އަދި ރޭ ކުޅުނު އެއްވަނަ ޑިވިޝަންގެ ފައިނަލް އެފްއާރުއެސް ކާމިޔާބް ކުރީ 4-1ގެ ނަތީޖާއަކުން މާލޭ އޭރިއާގެ ޓީމް ބަލިކުރުމަށް ފަހުގައެވެ.

އެމްއެންޑީއެފް ގެ 14 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ މަގާމްތަކަށް ހޮވުނު ކުޅުންތެރިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް އީއެމްއީގެ އަބްދުﷲ ސުޖާއު ހޮވުނު އިރު އެއްވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ އޭރިއާ ޓީމުގެ އަބްދުﷲ ނަޖީމް އެވެ.

އެމްއެންޑީއެފްގެ 14 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ މަގާމްތަކަށް ހޮވުނު ކުޅުންތެރިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މިދިޔަ މަހު 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަޔަކަށް އެފްއޭއެމް 1 ނަންބަރު ޓާފް ދަނޑުގައި ކުރިއަށްދިޔަ ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެ މުބާރާތުގައި ޖުމްލަ 20 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ފުރަތަމަ ޑިވިޝަންގައި ނުވަ ޓީމް އަދި ދެވަނަ ޑިވިޝަންގައި 11 ޓީމެވެ.
ރޭ ކުޅުނު ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލް ކޮށްދެއްވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޝާން މަންޞޫރެވެ.