ސަރުކާރުގެ ދައުވަތަކަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ސީމެގްގެ ޓީމުގައި ހިމެނެނީ ސީމެގްގެ ވައިސް ޗެއާ ކާރލް ގްރީނިޖް، ވައިސް ޕްރެޒިޑެންޓް އެންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮފް ގުޔާނާ އެވެ.

އޭގެ އިތުރުން ކެބިނެޓް ސެކެޓްރީ ފޮ ފޮރިން އެފެއަޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް އޮފް ކެންޔާ ޑރ. އާމިނާ މުހައްމަދާއި ފޮރިން ސެކެޓްރީ އޮފް އިންޑިއާ ވެސް މި ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.

ސީމެގްގެ ޓީމަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.

މާދަމާގެ ނިޔަލަށް މި ޓީމުން ރާއްޖޭގައި މަސައްކަތް ކުރުމަށް ނިންމާފައި ވާއިރު، އެ ޓީމުން ރާއްޖޭގެ ކަންކަން ހިނގާ ގޮތް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު ވަނީ ފޮރިން މިނިސްޓްރީގައި ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

ސީމެގްގެ އިތުރުން، ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރުންގެ ވަފުދެއްވެސް މިއަދު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޓީމުން ވެސް ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލު ކުރާނެ ކަމަށާއި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.