07 Feb 2016, 09:38
އެމްޑީޕީއަކީ އަބަދުވެސް ސިހުރުގެ އަމަލުތައް ހިންގާ ޕާޓީއެއް ކަމަށާއި ޕީޕީއެމް އިން އެފަދަ އެއްވެސް އަމަލެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ އެއްވެސް ބޭފުޅަކު ނުވަތަ އެއްވެސް މެމްބަރަކު އެފަދަ ސިހުރުގެ އަމަލެއް ހިންގާފައި ނުވާ އިރު އެފަދަ އަމަލެއް ނުވެސް ހިންގާނެ ކަމަށެވެ.
ނިހާން ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސިހުރުހާހޫރައަށް ދޯޅު ޕާޓީއެއް ކަމަށާއި އަތޮޅުތަކުގެ ތެރޭގައި ވެސް އެޕާޓީ އިން އެފަދަ އަމަލުތައް ހިންގާކަން ކަށަވަރުވެފައިވާ ކަމަށެވެ.
"އެމްޑީޕީއަކީ އަބަދުވެސް އެފަދަ [ސިހުރު] ކަންތައްތަކަށް ދޯޅު ބައެއް. އުސްފަސްގަނޑު ހިފައިގެން އެތަނުގައި ކާޅު ކަތިލައި ކުކުޅު ކަތިލައި ކަނޑަށް ލޭއަޅާ މަގުމައްޗަށް ލޭއަޅާ ދުވަމުން ދިޔަ މަންޒަރު އަޅުގަނޑުމެން ދުށިން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އިން ސިހުރުގެ އަމަލުތައް ހިނގުމުގެ އިތުރުން އެފަދަ އަމަލުތަކުގެ ތުހުމަތު އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ ޓީވީ އިން ދެއްކި ޑޮކިއުމެންޓްރީ އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެ މަސައްކަތަކީ ރައީސް ޔާމިންގެ އަގު ވައްޓާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އޭނާ ވަނީ ރާއްޖެ ޓީވީގެ އެ އަމަލު ހަށުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.
"އަދި ދިވެހި ރާއްޖޭގެ މިފަދަ ކަންތައް ތަހުގީގު ކުރުމަށް އޮންނަ ބްރޯޑްކާސްޓިން ކޮމިޝަނަށް އަޅުގަނޑު ބުނެލަން ބޭނުން ވަނީ ވަޑައިގެން ތަހުގީގު ކޮށްދެއްވާށޭ ރާއްޖެ ޓީވީ އިން މި ކުރިއަށް ގެންދާ ފިތުނަތައް،" އޭނާ ވިދާޅުވި އެވެ.