07 Feb 2016, 09:01
މިދިޔަ އަންގާރަ ދުވަހު ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫ އެއާޕޯޓުން ނައްޓާލައި، ދަތުރުކުރަމުން ދަނިކޮށް ބާގަނޑެއް ހެދުނު ޑާލޯ އެއާލައިނުގެ ފްލައިޓުގައި ބާގަނޑު ހެދުނީ އޭގެ އެތެރެއިން ބޮމެއް ގޮއްވާލުމުން ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ސޯމާލިޔާއިން ޖިބޫޓީއަށް ދަތުރުކުރަމުން ދިޔަ މި ފްލައިޓުގެ ކެބިން ތެރޭގައި އެއްޗެއް ގޮވައި، ބާގަނޑެއް ހެދުމުގެ ސަބަބުން ދެ ފަސިންޖަރަކަށް އަނިޔާވެފައިވެ އެވެ. އަދި އެއް ފަސިންޖަރަކު އެ ބާގަނޑު ތެރެއިން ވެއްޓި، "ގެއްލުނު" ކަމަށް ވެސް ސޯމާލިޔާއިން ބުނެފައިވާ އިރު، ފަހުން އެނގިފައިވާ ގޮތުގައި "ގެއްލުނު" ފަސިންޖަރަކީ ފްލައިޓުގައި ބޮން ގޮއްވާލި މީހާ އެވެ.
"ޑާލޯ އެއާލައިންސްގެ ފްލައިޓު ތެރޭގައި ބޮމެއް ގޮއްވާލީ. އެ ބޮން ގޮއްވާލުމުގެ މަގްސަދަކީ ފްލައިޓުގައި ތިބި އެންމެން މަރާލުން،" ސޯމާލިޔާގެ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވި އެވެ.
ފްލައިޓުގައި އެއްޗެއް ގޮވައި، ބާގަނޑެއް ހެދުމުގެ ސަބަބުން ފްލައިޓު އެމަޖެންސީގައި އަލުން މޮގަދިޝޫއަށް ޖައްސަން ޖެހުނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި ފްލައިޓުގައި ގޮއްވާލާފައި ވަނީ، ފަސިންޖަރެއްގެ ލެޕްޓޮޕް ތެރޭގައި ފޮރުވައިގެން، ފްލައިޓަށް އެތެރެކުރި ގޮވާ އެއްޗެކެވެ.
ޑާލޯ އެއާލައިންސްގެ ތެރޭގައި ހިނގި ބޮމުގެ މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
މަސްދަރު:ބީބީސީ