އިނގިރޭސީ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 1-3 ގެ ނަތީޖާއިން ކުރި ހޯދައި، ލެސްޓާ ސިޓީން އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

އެ މޮޅާއެކީ ލެސްޓާ ލީގުގެ އެއް ވަނާގައި 53 ޕޮއިންޓާއެކު އޮތް އިރު ވެޓްފޯޑްގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ކުރި ހޯދި ޓޮޓެންހަމް އޮތީ 48 ޕޮއިންޓާ އެކު ދެވަނާގަ އެވެ. ތިން ވަނާގައި 47 ޕޮއިންޓާއެކީ އޮތީ ސިޓީ އެވެ.

އިންގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ލެސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ތިންވަނަ މިނެޓްގައި ލެސްޓާއިން ވަނީ މެޗުގެ ލީޑުނަގާފަ އެވެ. އެ ގޯލް ލެސްޓާއަށް ކާމިޔާބުކޮށް ދިނީ، ރިޔާދު މަޚްރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ޑިފެންޑަރު ރޮބަޓް ހުތެވެ.

ލެސްޓާ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާ ކުރީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ރިޔާދު މަޚްރޭޒްގެ ގޯލުންނެވެ. ލެސްޓާގެ ތިން ވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ރޮބަޓް ހޫތު އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެ ގޯލުގެ އިތުރުން ވެސް ލެސްޓާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ސިޓީ އަށް ސުން ކަނޑުވާލައި ދިން ގޯލު 87 ވަނަ މިނެޓުގައި ޖަހައިދިނީ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.