07 Feb 2016, 01:18
އަޕްޑޭޓަށްފަހު އައިފޯން އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރުގެ މައްސަލައެއް އައިފޯނުތަކަށް ދިމާވާން ފެށުމުން، އެއީ ފޯނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެޕަލް އިން ބުނެފި އެވެ.
"އެރޯ 53" އެރުމަށްފަހު އައިފޯން ސީރީޒްގެ އައިފޯން 6 އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އެ މައްސަލަ ދިމާވާ ކަމަށް އެޕަލްއިން ވެސް ވަނީ އެބަސްވެފަ އެވެ. އެ މައްސަލަ ދިމާވުމުން ދެ ވަނަ ފަހަރަށް އެ ފޯނު ބޭނުމެއް ނުކުރެވޭނެ އެވެ.
އައިފޯނުތަކަށް އެ މައްސަލަ ދިމާވާން މެދުވެރި ވަނީ ފޯނުގެ ހޯމް ބަޓަން ބަދަލު ކުރުމުންނެވެ. ހޯމް ބަޓަންގައި މައްސަލައެއް ޖެހިގެން، އެޕަލް ނޫން އެހެން ބަޔަކު ލައްވާ އެ ބަޓަން ބަދަލުކޮށްފިނަމަ، ދެ ވަނަ ފަހަރަށް ފޯނު ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އެހެން ކުންފުންޏަކުން އުފައްދާފައިވާ އެފަދަ ބަޓަން ބޭނުން ކުރުމުން ވެސް އެ މައްސަލަ ދިމާވާނެ އެވެ.
އެޕަލް ނޫން ބަޔަކު ލައްވައި ހޯމް ބަޓަން ބަދަލު ކުރުމަށްފަހު އައިއޯއެސްގެ އެންމެ ފަހު ފަހުގެ އަޕްޑޭޓް ފޯނަށް އެެޅުމުން އެ މައްސަލަ ޖެހޭނެ އެވެ. ސަބަބަކީ ސިސްޓަމް އެ ސެންސަރު ބަލައި ނުގަތުމެވެ. އެއަށްފަހު އެރޯ 53 އާއެކު ފޯނު ބޭނުމެއް ނުކުރެވެ އެވެ.
އެޕަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އެރޯ 53"އަކީ އެޕަލް ކަސްޓަމަރުންގެ ސެކިއުރިޓީ ދިފާއު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. ސަލާމަތީ ގޮތުން ގެނެސްފައިވާ ބަދަލުގެސަބަބުން "އެޕަލް ޕޭ" ފަދަ ސެކިއުރިޓީ ފިޔަވަޅު ވަރުގަދަ ހިދުމަތް ބޭނުން ނުކުރެވޭނެ ކަމަށް އެޕަލްއިން ބުންޏެވެ.
އައިފޯނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ފަރާތްތަކަށް ވެސް އެ މައްސަލަ ޖެހޭ ކަމަށްވެ އެވެ. ބައެއް ފަރާތްތަކަށް އެޕަލް ކުންފުނިން އާ ފޯނު ވަނީ ދީފަ އެވެ. ނަމަވެސް އެއްވެސް ކަހަލަ ބަދައްލެއް ގެނެސް ނުވަތަ ރިޕެއާ ކުރުމަށްފަހު އެ އެރޯ އެރި ފޯނުތަކަށް އެއްވެސް ބަދަލެއް ނުދެވޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.