ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފައި ހުރި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިމްރާން ޖަލަށް ބަދަލުކުރީ މީގެ ކުޑަވަގުތުކޮޅެއް ކުރިން ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ޖަލަށް ބަދަލުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މީގެކުރިން ވެސް އިމްރާން ޝަރީއަތް ނިމެންދެން ގެއަށް ބަދަލުކޮށްފައި ވަނިކޮށް އިންޓެލިޖެންސް ރިޕޯޓެއް ފުލުހުންނަށް ލިބިގެން އޭނާ ވަނީ އެފަހަރު ވެސް ޖަލަށް ބަދަލުކޮށްފައެވެ. އަދި އޭގެފަހުން އަނެއްކާ ގޭބަންދަށް ބަދަލުކުރީ ކީއްވެ ކަމެއް ވެސް ނޭނގެއެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުލުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިއްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމަށް ބުނެ އެވެ. ނަމަވެސް އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފައެވެ.

ދައުލަތުން ބުނެފައި ވަނީ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މުޒާހަރާގައި ހަމަނުޖެހުން ހިނގީ އިމްރާން އެ މުޒާހަރާގައި ދެއްކެވި ވާހަކަތަކުން ހިއްވަރު ލިބިގެން ކަމަށެވެ. ނަމަވެސް އިމްރާން ވަކީ އެކަމަށް އިންކާރު ކުރައްވާފައެވެ.

އިމްރާން ވިދާޅުވެފައި ވަނީ އަނިޔާވެރިކަމަށް ހިއްވަރުލިބޭގޮތަށް އޭނާ ވާހަކަދައްކަވާފައިނުވާނެ ކަމަށާއި ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް ވެސް އޭނާ ގޮވާލާފައިނުވާނެ ކަމަށެވެ. އަދި އޭނާ އަކީ އަނިޔާވެރިކަމާ ދެކޮޅު މީހެއް ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ޝަރީއަތް ހިންގުމުގައި ޒާތީ ގޮތްތަކެއް ގެންގުޅުއްވާ ކަމަށް ތުހުމަތުކޮށް އޭނާގެ ބަދަލުގައި އެ މައްސަލަ ބައްލަވާނެ އެހެން ގާޒީއަކު ހަމަޖައްސައިދިނުމަށް އިމްރާން ވަނީ ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގައި ސިޓީއަކުން ދަންނަވާފައެވެ. ނަމަވެސް މިހާތަނަށް އެ ސިޓީގެ ޖަވާބެއް އޭނާ އަށް ދީފައެއް ނުވެއެވެ.