ފަޅު ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއް އެމްއެމްޕީއާރްސީ މެދުވެރިކޮށް، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަކަށް ޖަމާ ކުރުމަށްފަހު ސަރުކާރު ހިންގާ ޕީޕީއެމާ އެ ފައިސާ ހަވާލު ކުރި ކަމަށް ބުނާ ވާހަކަ އެ ޕާޓީން މިރޭ ދޮގުކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ހިއްސާ އޮންނަ އެސްއޯއެފް ޕްރައިވެޓް ލިމިޑެޓުން މިއަދު ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ އެމްއެމްޕީއާރްސީން އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާ ހަވާލުކޮށްފައި ވަނީ ޕީޕީއެމް އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުންނަށާއި ސަރުކާރާއި ސިޔާސީ އިސްވެރިންނާއި އެހެނިހެން ފަރާތްތަކަށް ކަމަށެވެ.

އެސްއޯއެފްގެ ބަޔާން ދޮގުކޮށް ޕީޕީއެމުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް އެ ޕާޓީން ބަލައިނުގަންނާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެސްއޯއެފުން މިއަދު ނެރުނު ބަޔާނަކީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ޕީޕީއެމްގެ ވެރިންނާއި އެ ޕާޓީ ބަދުނާމު ކުރުމަށް ނެރުނު ބަޔާނެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވައި ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

އިއްޔެ އާންމުކުރި އެމްއެމްޕީއާރްސީގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އެމްއެމްޕީއާރްސީން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 70.17 މިލިޔަން ޑޮލަރު (1 ބިލިއަން ރުފިޔާ) ކަމަށެވެ. އެ ފައިސާއަކީ ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެސްއޯއެފުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ އިން އެ ކުންފުންޏަށް ފޮނުވި ޗެކްތައް އެ ކުންފުނީގެ އެކައުންޓަށް ވަތް ކަމަށް ބަޔާންކޮށްފައިވިޔަސް، އެ ފައިސާއަށް "ވެފައިވާ ގޮތުގެ" އެއްވެސް މައުލޫމާތެއް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައި ނެތް ކަމަށެވެ.

އެ ކުންފުނީގެ ބަޔާން ނިންމާލަމުން އެދިފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އޮޑިޓް ރިޕޯޓުން މުހިންމު ބައިތައް "ވަންހަނާކޮށްފައިވާ" ކަމަށާއި އެހެންކަމުން މިނިވަން މުސްތަގިއްލު ފޮރެންސިކް އޮޑިޓެއް ހެދުމަށް އެދޭ ކަމަށެވެ. އަދި އެފަދަ އޮޑިޓެއް ހެދުމަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.