06 Feb 2016, 22:34
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުސް އޮފީހުން މަހުލޫފަށް ފޮނުވާފައިވާ ޗިޓުގައިވާގޮތުން އޭނާ މާދަމާ ރޭ 9:30 އަށް ފުލުސް އޮފީހަށް ހާޒިރުކުރަނީ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ.
މަހުލޫފް މަދަމާރޭ ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، ފަހަކަށް އައިސް އޭނާ އަންނަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ރިޝްވަތު ނަންގަވާ ކަމަށް ތުހުމަތުކޮށް، ޓީވީ ޕްރޮގްރާމްތަކާއި އެއްވުންތަކާއި ޖަލްސާތަކުގައި ވާހަކަދައްކަވަމުންނެވެ.
ކޮރަޕްޝަނާ ދެކޮޅަށް އިއްޔެ މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން މަހުލޫފާއި އިތުރު ބަޔަކު ވަނީ ސިފައިންގެ ސަފު ފޫއަޅުވާލުމަށްފަހު ރައީސް އޮފީސް ހިމެނޭ ސަރަހައްދަށް ވަދެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.
މަހުލޫފްގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށައެވެ.