މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓުން ހާމަވުމުން، އެ ކުންފުނިން އެކަމަށް އެއްބަސްވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ހިއްސާ އޮންނަ އެސްއޯއެފް ޕްރައިވެޓް ލިމިޑެޓުން އެކަމަށް އެއްބަސްވީ އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އިއްޔެ އާންމުކުރި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އެމްއެމްޕީއާރްސީން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 70.17 މިލިޔަން ޑޮލަރު (1 ބިލިއަން ރުފިޔާ) ކަމަށެވެ. އެ ފައިސާއަކީ ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލޯފާމް މެދުވެރިކޮށް އެސްއޯއެފް ކުންފުނިން ނެރުނު ބަޔާނުގައި ވަނީ އެމްއެމްޕީއާރްސީ އިން އެ ކުންފުންޏަށް ފޮނުވި ޗެކްތައް އެ ކުންފުނީގެ އެކައުންޓަށް ވަތް ކަމަށް ބަޔާންކޮށްފައިވިޔަސް، އެ ފައިސާއަށް "ވެފައިވާ ގޮތުގެ" އެއްވެސް މައުލޫމާތެއް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައި ނެތުމުން ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީން އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާ ހަވާލުކޮށްފައި ވަނީ ޕީޕީއެމް އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުންނަށާއި ސަރުކާރާއި ސިޔާސީ އިސްވެރިންނާއި އެހެނިހެން ފަރާތްތަކަށް ކަމަށެވެ.

އެސްއޯއެފް ކުންފުނިން ރައީސްގެ ދެކަނބަލުން ޝާމިލުވާގޮތަށް ކުރި ތުހުމަތާ ގުޅޭ ގޮތުން ސަރުކާރުގެ ކޮމެންޓެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

"މި ކުންފުނީގެ ކްލައަންޓް މި ކުންފުންޏަށް ފޮނުވާފައިވާ ކޮންމެ އެއްޗަކާމެދު ވެސް އެ ފޮނުއްވި ފަރާތުން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އަމަލުކޮށްފައިވާނެ ކަމަށާއި ފޮނުވަންޖެހޭ އެކައުންޓުތަކަށާއި ފަރާތްތަކަށް ބަރާބަރަށް ފޮނުވާފައިވާނެ،" އެސްއޯއެފް ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީން އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާ އެ ކުންފުނީގެ އިސްވެރިޔަކު ނުވަތަ އާއިލާގެ މެމްބަރެއްގެ އަތުގައި ބަހައްޓައި އަދި ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް އެސްއޯއެފް ކުންފުނިން ބުންޏެވެ.

"މި ކުންފުނިން ހިންގާފައިވާ މުއާމަލާތްތަކުގައި ސިއްރުކުރަންޖެހޭ އެއްވެސް ކަމެއް އޮތް ކަމަކަށް މި ކުންފުންޏަކުން ގަބޫލެއް ނުކުރަމެވެ،" އެސްއޯއެފުން ބުންޏެވެ.

އެ ކުންފުނީގެ ބަޔާން ނިންމާލަމުން އެދިފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އޮޑިޓް ރިޕޯޓުން މުހިންމު ބައިތައް "ވަންހަނާކޮށްފައިވާ" ކަމަށާއި އެހެންކަމުން މިނިވަން މުސްތަގިއްލު ފޮރެންސިކް އޮޑިޓެއް ހެދުމަށް އެދޭ ކަމަށެވެ. އަދި އެފަދަ އޮޑިޓެއް ހެދުމަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.