07 Feb 2016, 09:05
ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ޓީވީ ސީރީޒް ކަމަށްވާ "އޮރެންޖް އިޒް ދަ ނިއު ބްލެކް"ގެ އިތުރު ތިން ސީޒަން ދެއްކުމަށް ނިންމާފައިވާ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.
އޮރެންޖް އިޒް ދަ ނިއު ބްލެކް 2013 ގައި ދައްކަން ފެށުމާއެކު ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ހޯދާފަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު ވަނީ އެ ސީރީޒްގެ ސީޒަން ހަތަރަކަށް ރިނިއު ކޮށްފަ އެވެ. އެހެން ކަމުން މިއަހަރުގެ ޖޫން 17 ގައި ސީރީޒްގެ ހަތަރު ވަނަ ސީޒަން ދައްކަން ފަށާނެ އެވެ.
ނެޓްފްލިކްސް އިން އިއްޔެ އާންމު ކުރި ގޮތުގައި އެ ސީރީޒް ގިނަ ދުވަސްތަކަށް ދައްކާނެއެވެ. އެގޮތުން ސީރީޒްގެ ފަސްވަނަ ސީޒަން އާއި ހަވަނަ އަދި ހަތްވަނަ ސީޒަން ކަށަވަރުވެފައި ވުމުން ސީރީޒްގެ ކާސްޓުން ތިބީ ވަރަށް އުފަލުންނެވެ.
މިދިޔަ ހަފްތާގައި ބޭއްވި ސްކްރީން އެކްޓާސް ގިލްޑް (އެސްއޭޖީ) އެވޯޑުގައިވެސް އެ ސީރީޒް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެ ސީރީޒް ވަނީ ކޮމެޑީ ޝޯގެ އެވޯޑު ހޯދާފައެވެ. އޭގެ އިތުރުން ކޮމެޑީ އެކްޓްރެސްގެ ރޯލުން އެ ސީރީޒްގެ އުޒޯ އަޑޫބާ އަށްވެސް ވަނީ އެވޯޑު ލިބިފައެވެ. މިއީ އެ ދެ އެވޯޑުވެސް އެ ސީރީޒަށް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ.