21 Apr 2011, 09:21
ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި އިއްޒަތަށް އުނިކަން ލިބޭ ގޮތަށް ދި އެފްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމަށާއި އެކަމުގައި ހިމެނޭ ޖިނާއީ ކުށާ ބެހޭ ބައެއް ވެސް ހިމެނޭ ކަމަށް ބުނެ އެ މައްސަލަތައް ބެލުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
އާއްމު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ނިންމާފައި ވަނީ، ވިޒުއަލްކޮށް ދި އެފްއެމުން ފޮނުވި އެ ފްރޮގްރާމްގެ ރެކޯޑިން އަޑު އެއްސެވުމަށް ފަހުގަ އެވެ.
އެ ރެކޯޑިން އަޑު އެއްސެވުމަށް ފަހު ކުރިއަށް ގެންދިޔަ މަޝްވަރާގައި މެންބަރުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ މާލޫދު ހަރުގެއެއް ކަމަށް ނިސްބަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން، އާއްމު ކޮމިޓީގެ މެންބަރު ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގު ވައްޓާލައި ޖިނާއީ މައްސަލަތަކަށް ތުހުމަތުކޮށް މެންބަރުންގެ އަބުރަށް ހުތުރުވާ އަމަލުތައް ގަސްތުގައި ބައެއް މީޑިޔާތަކުން ހިންގާ ކަމަށެވެ. އަދި އެކަންކަން ނުހުއްޓުވައިފި ނަމަ މީޑިޔާ އަށް މިނިވަންކަން ގެންނަން ކުރިމަ މަސައްކަތް އެހެންގޮ ތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރެއް ވެސް އޭނާ ދެއްވި އެވެ.
ކޮމިޓީގެ މެންބަރުން ދި އެފްއެމްގެ ޕްރޮގްރާމުގެ ތެރެއިން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަކީ މާލޫދު ހަރުގެއެއް ކަމަށާއި އެ ތަނުގައި ވަޅި ޖެހުމާއި މާރާމާރީ ހިންގާ ކަމަށާއި އެތަނުގައި ގޭންގްސްޓާރުން ތިބޭ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ޖިނާއީ ތުހުމަތުތަކެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ތަނުގައި މެންބަރުންނަށް ސައި ތައްޔާރުކޮށްފައި ހުންނަނީ، ނަން ހުސްކޮށް އެކި ބަވާތްތައް ހިމެނޭ ގޮތަށް، ކޮލަސްޓްރޯލް ފްރީ ތެޔޮ ބޭނުންކޮށްގެން ކަމަށާއި، ސައިބޮއިގެން ބައެއް މެންބަރުން ގެއަށް ހެދިކާ ގެންދާ ކަމަށް ޕްރޮގްރާމްގައި ދައްކާފައިވާ ވާހަކަތަކަކީ މެންބަރުންގެ ބޮލުގައި ވަގު ބަދުނާމް އަޅުވައިގެން ދައްކާފައިވާ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ކަމަށް ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި މެންބަރުން ޑިއުޓީ ފްރީ ކާރު ގެނަސްފައިވާ ކަމަށް ބުނެފައިވާ ވާހަކަތަކާއި މަސައްކަތް ކުރަނީ ހަފްތާއަކު ތިން ދުވަހު، މަހަކު 12 ދުވަހު ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ވެސް ހަގީގަތާހިލާފް ވާހަކަތަކެއް ކަމަށް މެންބަރުން ފާހަގަ ކުރެއްވި އެވެ.
މިދިޔަ މާޗް މަހުގެ މެދުތެރޭގައި، ދި އެފްއެމުންގެނައި "ވަތަނިޔާ ބްރޯޑްބޭންޑް ބަރެކްފާސްޓް ކްލަބް" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި އިއްޒަތަށް އުނިކަން ލިބޭގޮތަށް މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ އެ ޕްރޮގްރާމް ހުށަހެޅި ދެ ޕްރެޒެންޓަރުން މީގެ ކުރިން ވަނީ އާއްމު ކޮމިޓީ އަށް ހާޒިރު ކޮށްފަ އެވެ.