ނާސާއިން ސްޕޭސް ބެލުމަށް އުފައްދާ އެންމެ ބޮޑު ދުރުމި، ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިއުއެސްޓީ)ގެ ޕްރައިމެރީ ލޯގަނޑުގެ މަސައްކަތް އެތައް އަހަރުތަކެއްގެ މެދުކަނޑުމަކަށްފަހު، އަލުން އެ މަސައްކަތްކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.

ނާސާއިން ބުނެފައި ވަނީ އެ ދުރުމި ތައާރަފް ކުރުމަށް ހަމަޖެހިފައި ވަނީ 2018 ގައި ކަމަށެވެ. އެހެންކަމުން އެ ލޯގަނޑުގެ މަސައްކަތް ނިމިގެން ދިޔުމަކީ 2018 ވަނަ އަހަރުގައި ޖޭޑަބްލިއުއެސްޓީ ލޯންޗު ކުރުމާ މެދު ޝައްކު ކުޑަވެގެންދާނެ ކަމެއް ކަމަށްވެސް ނާސާއިން ބުނެއެވެ.

ޖޭޑަބްލިއުއެސްޓީ އަކީ އޭގެ މަސައްކަތް ލަސްވުމުގެ ރެކޯޑެއް އޮތް ބޮޑު ޕްރޮޖެކްޓެކެވެ. އެގޮތުން ފުރަތަމަ އެ މަސައްކަތް ނިންމާލައި ދުރުމި ލޯންޗު ކުރުމަށް ކަނޑައަޅާފައި ވަނީ 2011 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މަސައްކަތް ލަސްވެގެން ގޮސް އެ މަސައްކަތުގެ ބަޖެޓުވެސް ވަނީ އެތަށް ގުނައަށް ބޮޑުވެގެން ގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ޕްރޮޖެކްޓަށް ލަފާކޮށްފައިވާ ބަޖެޓަކީ 1.1 ބިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު އެ ޕްރޮޖެކްޓުގެ ބަޖެޓަށް ލަފާ ކޮށްފައިވާ އަދަދަކީ އަށް ބިލިއަން ޑޮލަރެވެ.

ނާސާއިން އުފައްދާ އެންމެ ބޮޑު ސްޕޭސް ޓެލެސްކޯޕްގެ މަސައްކަތް ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވަނީ 2011 ގައި--- ފޮޓޯ: އައިއެފްއެލް ސައިންސް

އެ ދުރުމީގެ ޕްރައިމެރީ ލޯގަނޑު ހަދާފައިވަނީ ހަ ކަން ހިމެނޭ ބިއްލޫރި ނުވަތަ ހެކްސަގަން ބައްޓަން ހުންނަ 18 ބިއްލޫރިގަނޑު ބޭނުންކޮށްގެނެވެ. އެއިން ކޮންމެ ބިއްލޫރިގަނޑެއްގެ ދިގުމިނުގައި 4.2 ފޫޓު ހުންނަ އިރު ބަރުދަނުގައި 40 ކިލޯގްރާމް ހުންނާނެއެވެ.

އެ ބިއްލޫރިތަކުގައި ރަނުގެ ފަށަލައެއް ވަނީ އަޅާފައެވެ. އޭގެ އެހީގައި ދުރުން ފެންނަ އަލިތައް ސެކަންޑްރީ ލޯގަނޑު ބޭނުންކޮށްގެން މައުލޫމާތު އެއް ކުރާނެ ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ.

އެ ދުރުމިއަކީ މިހާރު ސްޕޭސް ބެލުމަށް ބޭނުން ކުރާ ހަބްލް ސްޕޭސް ޓެލެސްކޯޕްގެ ބަދަލުގައި ބޭނުން ކުރުމަށް އުފައްދާ ދުރުމިއެކެވެ. ނަމަވެސް ދެ ދުރުމިއަކީ ވަރަށް ތަފާތު ދެ ދުރުމިއެވެ. އެގޮތުން ހަބްލް ދައުރު ކުރަމުން ދަނީ ދުނިޔެ އާއި ހަނދާ ދެމެދުއެވެ. އަދި އެ ދުރުމިން މައުލޫމާތު އެއްކުރާނީ ފެންނަ ވޭވްލެންތު ބޭނުންކޮށްގެނެވެ. އެއާ ހިލާފަށް ޖޭޑަބްލިއުއެސްޓީ ދައުރު ކުރަމުން ދާނީ ދުނިޔެއަށްވުރެ 1.5 މިލިއަން ކިލޯމީޓަރު ދުރުމިނުންނެވެ. އަދި އެއިން މައުލޫމާތު އެއްކުރާނީ އިންފްރާރެޑް ބޭނުންކޮށްގެނެވެ.