07 Feb 2016, 09:21
ސޯނޫ ނިގަމްއަކީ ވަރަށް ގިނަ ބައެއްގެ "ފެވަރިޓް" ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަކިޔުމުގެ ހުނަރަކީ އެތައް ބަޔަކު ކަރުނުން ފޯ ކޮށްލާހާ މޮޅު ހުނަރެކެވެ.
ސޯނޫ ވަނީ އޭނާގެ ލަވަތަކުން ޖެޓް އެއާވޭސްގެ ފަސް ކެބިން ކުރޫއަކު ވެސް ރޮއްވާލާފަ އެވެ. ނަމަވެސް އޭނާގެ ހުނަރަކުންނެެއް ނޫނެވެ. އަދަބެއްގެ ގޮތުންނެވެ.

ސޯނޫ ނިގަމް --- ފޮޓޯ: ޔޫޓިއުބް
ޖޯދްޕޫރު އިން ފުރައިގެން މުމްބާއީ އަށް ދިޔަ މަގުމަތީގައި، ފުލައިޓުގައި ތިބި ފަސިންޖަރުންނަށް ސޯނޫ ވަނީ އޭނާގެ ލަވަތަކެއް ހުށަހަޅައި ދީފަ އެވެ. އެގޮތުން ފްލައިޓުގެ އެނައުންސްމެންޓު ސިސްޓަމް ބޭނުންކޮށްގެން އޭނާ ވަނީ ފަސިންޖަރުންގެ މުނިފޫހި ފިލުވާލާފަ އެވެ.
ގިނަ ބަޔަކު ވަނީ އެ މަންޒަރު ވީޑިއޯކޮށް ސޯނޫ އާ އެއްކޮށް ލަވަކިއުމުގައި ވެސް ބައިވެރި ވެފަ އެވެ. ސޯނޫ ނިގަމްގެ އެ ހަރަކާތް ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް، ސިވިލް އޭވިއޭޝަންގެ ޑިރެކްޓޮރޭޓު ޖެނެރަލް އަކަށް އެ ހަރަކާތެއް ކަމަކު ނުދިޔައެވެ.
ސޯނޫ ނިގަމްގެ އެ ހަރަކާތުގެ ޒިންމާ ނަގަން ޖެހުނީ އެ ފުލައިޓުގައި އެވަގުތު ތިބި ފަސް ކެބިން ކުރޫ އިންނަށެވެ. ސިވިލް އޭވިއޭޝަނުން ވަނީ އެ ފަސް ކެބިން ކުރޫ ސަސްޕެންޑު ކޮށްފަ އެވެ.