ރާއްޖެ ވަށައި ބުރު ޖެހުމަށް ދަތުރު ފަށާގައިވާ އަބްދުލްގަފޫރު އަލީ (ގައްބެ)، ރޭ ލ. ފޮނަދޫގައި ދެރޭ މަޑުކުރުމަށް ފަހު މިއަދު ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑު ހުރަސްކޮށް ނުވަ ގަޑިއިރަށް ފަހު ގއ. ވިލިނގިއްޔަށް ލަފައިފި އެވެ.

އެޓޯލް ސެއިލާސްގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކު) މިއަދު ސަން އަށް ވިދާޅުވީ ގައްބެ "ވަން އެންޑް ހާފް ޑިގްރީ ޗެނަލް" ހުރަސްކޮށް ގއ. ވިލިނގިއްޔަށް ލެފީ ހަވީރު 4:00 އެހާކަންހާއިރު ކަމަށާއި ޓާގެޓް ކުރި ވަރަށް އެ ރަށަށް ފޯރި ކަމަށެވެ. އޭނާ ވިދާޅުވީ ވިލިނގިލިން ގައްބެ އަށް މަރުހަބާ ކިޔުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގައްބެ ދެ ރިޔަލުގައި ކުރާ ދަތުރުގައި މާލެ އިން ފުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ސިކޫ ވިދާޅުވީ މޫސުން ތަން ނުދިނުމުން ގައްބެގެ ދަތުރުން މިހާތަނަށް ތިން ދުވަސް ގެއްލިފައިވާ ކަމަށާއި މުޅީން ޝެޑިއުލްއާ އެއްގޮތަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ ދަތުރުގައި މަޑު ކުރާނެ ރަށްތަކާއި އެކަންކަން އެއްކޮށް މިހާރު ގައްބެގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ.

ގައްބެ ލަފާކުރަނީ ގިނަވެގެން 23 ދުވަހުގެ ތެރޭގައި އެ ދަތުރުކޮށް ނިންމާލުމަށެވެ.