06 Feb 2016, 17:12
ވައިޓް ޕައިން (ފެބްރުއަރީ 6): އެމެރިކާގެ ޓެނެސީގައި ދިރިއުޅެމުން އައި އަށް އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް މިދިޔަ އަހަރު ބަޑި ޖަހައި މަރާލި ކަމުގެ ކުށް 11 އަހަރުގެ ކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
ކޯޓު ރިޕޯޓުގައިވާ ގޮތުން މެކޭލާ ޑަޔާ ނަމަކަށް ކިޔާ އަންހެން ކުއްޖާގެ ގަޔަށް އެ ކުއްޖާގެ އަވަށްޓެރި، 11 އަހަރުގެ ފިރިހެން ކުއްޖާ ބަޑި ޖެހީ މެކޭލާ އޮޅުކޮށްގެން ގެންގުޅޭ ކުއްތާތައް ނުދެއްކުމުންނެވެ. ބަޑީގެ އަޑު އިވުނު ނަމަވެސް، ފިރިހެން ކުއްޖާގެ އާއިލާއިން ބޭރަށް ނިކުމެފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ. މެކޭލާގެ މަންމަ ވަނީ ދަރިފުޅޫ ސަލާމަތްކުރަން މަސައްކަތްކޮށްފަ އެވެ. ނަަމަވެސް، ލޭމަނާ ނުވުމުން މެކޭލާ މާގިނަ އިރެއްނުވެ މަރުވި އެވެ.
ކުށް ސާބިތުވުމުގެ ސަބަބުން އެމެރިކާގެ ޖެފާސަން ޖުވެނައިލް ކޯޓުން ވަނީ 11 އަހަރުގެ ކުއްޖާއަށް 19 އަހަރު ވަންދެން ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ޑިޕާންޓްމެންޓް އޮފް ޗައިލްޑް ސާވިސަސް އިން މިހާރު ދަނީ ކުއްޖާގެ ނަފްސާނީ ހާލަތު ބެލުމަށް ފަހު އޭނާ ބަހައްޓާނެ ރިހެބިލިޓޭޝަން ސެންޓަރެއް ނިންމުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ކުށްކުރި ފިރިހެން ކުއްޖާ އަށް ވަނީ ބަޑި ބޭނުން ކުރާ ގޮތް ދަސްކޮށްދީފައި ކަމަށާއި އެކުއްޖާ ވަނީ އޭނާގެ ބައްޕަ އާއި ކާފައާ އެއްކޮށް ޝިކާރަކޮށްފައި ކަމަށް ހުކުމް ކުރެއްވި ފަނޑިޔާރު ފާހަގަކުރެއްވި އެވެ. (އޭޕީ)