06 Feb 2016, 16:24
ޅ. މާބިންހުރާ، ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
މާދަމާގެ އަޑުއެހުން އޮތީ މެންދުރު ފަހު 14:00 ގަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހާމިދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ޅ. މާބިންހުރާ، ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައި ވަނީ އެ ފައިސާ އަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރި މައްސަލައިގަ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ފަޅު ދޫކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލީ އަދީބުގެ މައްޗަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:00ގައި ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެފަޅު ކުއްޔަށް ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ.
އަދީބާއި ޒިޔަތު ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.