ނ. މާފަރު ކައުންސިލްގެ މެޖޯރިޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހޯދައިފި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްއާ އެކު ކޯލިޝަން ގުޅުމެއްގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީ، އެމްޑީއޭ އަށް ކައުންސިލްގެ މެޖޯރިޓީ ލިބުނީ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އެމްޑީއޭއާ ގުޅިވަޑައިގަތުމުންނެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީގައި ހުންނެވި އާމިރު އެމްޑީއޭއާ ގުޅިވަޑައިގެން ފޯމު އެ ޕާޓީއާ ހަވާލުކުރެއްވީ ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޑީއޭއާ ގުޅިވަޑައިގަތް ސަބަބު ހާމަކުރައްވަމުން އާމިރު "ސަން" އަށް ވިދާޅުވީ، ރަށުގެ ތަރައްގީ އަށް އެދޭ ނަމަ ސަރުކާރު ހިންގާ ފަރާތްތަކަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށެވެ.

"ރަށުގެ ތަރައްގީއަށް މިކުރާ އެއްވެސް ކަމެއްގައި އެމްޑީޕީގެ މެންބަރެއްގެ ފަރާތުން ނުލިބޭނެ އެއްބާރުލުމެއް. އަނެހެން ބުނަންޏާ ހަމަ ޒާތީ ހަސަދަ އޮންނާނީ. އެއްވެސް ކަމެއްގައި އެއްބާރުލުމެއް ނުލިބޭނެ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީގައި ކައުންސިލް ހިންގަމުން އައި އިރު ވެސް ކަންތައްތައް އޮތީ އެފަދައިން ކަމަށެވެ.

"މައްސަލައަކަށް މިވަނީ ބަހާއި އަމަލާ ދިމާނުވާތީ. އެމްޑީޕީ މަޝްހޫރުވެފައި މި އޮންނަނީ ރަށްރަށުގެ ތަރައްގީއަށް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި. ނަމަވެސް މިތަނަކުން އެކަމެއް ނުފެނޭ، ހަމަ ސީދާ ޒާތީ ހަސަދަ މިތާގައި މިއޮންނަނީ،" އާމިރު ވިދާޅުވި އެވެ.

އާމިރު އެމްޑީއޭއަށް ގުޅިވަޑައިގަތުމާ އެކު އެ ޕާޓީގެ ތިން މެންބަރުން މިހާރު ކައުންސިލްގައި ތިބޭނެ އެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ ތިބޭނީ ދެ މެންބަރުންނެވެ.