06 Feb 2016, 14:17
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ގުޅީފަޅު ހުސްކުރުމަށް ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ފުލުހުން އެރަށުގައި ހަރަކާތެރިވަމުން އަންނަ ކަމަށާއި، ނަމަވެސް ހަރަކާތްތެރި ވަނީ ގުޅީފަޅު އިންވެސްޓްމަންޓުގެ އެދުމުގެ މަތިން ސަލާމަތީ ގޮތުން ކަމަށެވެ.
ގުޅީފަލު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައީ އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) އިންނެވެ. ނަމަވެސް އެކުންފުނީގެ އަތުން ގުޅީފަޅު ނަގައި ގުޅީފަޅު އިންވެސްޓްމަންޓުން ވަނީ އެރަށާ ހަވާލުވުމަށް ތައްޔާރުވެފަ އެވެ.
ގުޅީފަޅު އިންވެސްޓްމަންޓުން އެރަށް ނަގަން ނިންމީ ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީއާއި އެއްވެސް ވަރަކަށް އެތަން ތަރައްގީ ކުރެވިފައި ނުވާތީ ކަމަށް ގުޅީފަޅު އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޖީޕީޑީގެ ގާނޫނީ ވަކީލް ޝާހީން ހަމީދު މިއަދު ވިދާޅުވީ ކޯޓު އަމުރެއް ނެތި ގުޅީ ފަޅަށް ފުލުހުންނަށް އެރޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނަމަވެސް ހިތާމައާ އެކު ފާހަގަކޮށްލަން ބޭނުން، އިއްޔެއާއި އޭގެ ކުރީ ދުވަހު ފުލުހުން މިތަނުގެ ގޭޓު ހަލާކު ކޮށްލާފައި، ޖީއެލް އާ އެހެން ބަޔަކު އައިސް މިތަނުން ވެލި ނަގައިގެން ދެ ބާޖުގެ ވެލި ގެންގޮއްސި މިހާރު،" ޝާހީން ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ބާރު ބޭނުންކޮށްގެން ފުލުހުން ގޭޓު ހަލާކުކޮށްލީ ކޯޓު އަމުރެއް ނެތި ކަމަށެވެ.
ޝާހީން ވިދާޅުވީ މިވަގުތު ގުޅީފަޅުގައި ފުލުހުންނާއި ގުޅީ ފަޅު އިންވެސްޓްމަންޓުން ހަރަކާތްތެރިވަމުން އައި ނަމަވެސް، އެބޭފުޅުން އަތުގައި އެއްވެސް އަމުރެއް ނެތް ކަމަށެވެ.
ޖީޕީޑީން ގުޅީފަޅު ތަރައްގީ ކުރަމުން ދިޔަ އިރު އެރަށުގައި ގެދޮރު އަޅަން ބޭނުންވި މީހުންގެ އަތުން ވަނީ އެޑްވާންސްކޮށް ފައިސާ ނަގައިފަ އެވެ.
މާލޭގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ވިލިމާލެ އާއި ތިލަފުއްޓާ ދެމެދު އޮންނަ ފަޅު ހިއްކައިގެން އުފެއްދި، "ގްލޯބަލް ގްރީން ސިޓީ" ގުޅިފަޅުގައި ފްލެޓު އެޅުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގުތައް ސަރުކާރުން ހިމާޔަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގުޅިފަޅުގެ މައްސަލަ އަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ ރަށުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.