އިތުބާރުނެތް ކަމަށް ފާސްކޮށް މަގާމުން ވަކި ކުރި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް އަލުން އެ މަގާމު އިއާދަކޮށްދިނުމަށް އަދާލަތު ޕާޓީން ސުޕްރީމް ކޯޓަށް ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑރ. ޖަމީލް މަގާމުން ވަކިކުރުމަށް ޓަކައި 21 ޖުލައި 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާއި، އެވޯޓާ ގުޅޭ ގޮތުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، އަދި އެވޯޓާ ހަމަޔަށް ވާޞިލުވުމަށް ޓަކައި ގާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގައި ގާނޫނީ ގޮތުން ކޮންމެހެން ފުރިހަމަވުން ލާޒިމު ބައެއް އިޖުރާއަތްތައް ފުރިހަމަވެފައި ނުވާ ކަމަށެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޖަމީލް ނައިބު ރައީސްކަމުން ވަކިކުރުމަށް އެމްޑީޕީގެ ތިން މެމްބަރުން ފިޔަވައި އެ ޕާޓީގެ ހުރިހާ މެމްބަރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ރިޝްވަތު ނަގާފައިވާ ކަމަށެވެ.

އެގޮތުން އެ ވޯޓަށް ސަރުކާރުގެ ތެރެއިން، ރިޝްވަތުގެ ވާސިޠާއިން، ނުފޫޒު ފޯރުވާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވުމުން، ޖަމީލުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަކީ ބާތިލު ވޯޓެއް ކަމަށް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން "ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު ނެތި އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ވަގުތު ވޭތުވެފައި ވާތީ، ދިވެހި ދައުލަތަށް މެދުވެރިވަފައިވާ ގާނޫނީ ހުސްކަމުންނާއި އަދި މެދުވެރިވެދާނެ އިތުރު ގާނޫނީ އަރައިރުންތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެދަށުން،" އެ ވޯޓާ ގުޅިގެން ނިންމާފައިވާ އެންމެހާ ނިންމުންތައް ބާތިލުކޮށް އޭގެ ކުރިން އޮތް ހާލަތު އަނބުރާ އިޔާދަކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ހަމައެހެންމެ، ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ބައިވެރިވެ، ނައިބު ރައީސްކަމުގެ މަގާމުން ޖަމީލު ވަކިކުރުމަށް ވޯޓު ދެއްވި 78 މެންބަރުންގެ ތެރެއިން، އެއްވެސް މެންބަރަކު ތަފާތުނުކޮށް، ސަރުކާރުގެ ވެރިންގެ ފަރާތުން ރިޝްވަތު ހިފި މެންބަރުންނާއި ރިޝްވަތު ދިން މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އަދާލަތުން ވަނީ ގޮވާލައިފަ އެވެ.