އަހްމަދުއާބާދު (ފެބްރުއަރީ 6): އިންޑިއާގެ ހުޅަނގުގައި އޮންނަ ނަވަސާރީ ޑިސްޓްރިކްޓުގެ ބްރިޖެއްގެ މަތިން ދުއްވާފައި ދިޔަ ބަހެއް ކޯރެއްގެ ތެރެއަށް ވެއްޓުމުގެ ސަބަބުން ބަހުން ދަތުރުކުރި މީހުންގެ ތެރެއިން 37 މީހަކު މަރުވެއްޖެ އެވެ.

އެ އުޅަނދު ކޯރަށް ވެއްޓުނީ ބްރިޖް މަތިން ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 37ށް އަރާފައި. އިތުރު 24 ވަރަކަށް މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" ސީނީއާ އެޑްމިނިސްޓްރޭޓިވް އޮފިޝަލް، ރެމްޔާ މޯހަން ވިދާޅުވި އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް މަރުގެ ބަދަލުގެ ގޮތުގައި 400،000 ރުޕީސް (5،900 ޑޮލަރު) ދޭން ނިންމާފަ އެވެ.

އިންޑިއާގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތަކުގެ ސަބަބުން ކޮންމެ އަހަރަކު 230،000 އަށް ވުރެ ގިނަ މީހުން މަރުވާ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ބުންޏެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓުތައް ހިނގަނީ މަގުތައް ހަދާފައި ހުންނަ ގޮތުންނާއި، އުޅަނދުތައް ނުބެލެހެއްޓުމުގެ ސަބަބުންނާއި ދުއްވާއިރު ފަރުވާކުޑަ ކުރުމުން ކަމަށް ދަތުރުފަތުރާ ބެހޭ މާހިރުން ވިދާޅުވެ އެވެ. (އޭއެފްޕީ)