06 Feb 2016, 12:25
ބޮގޯޓާ (ފެބްރުއަރީ 6): އާއްމުކޮށް ނުފެންނަ ނާރުގެ ޑިސްއޯޑާއެއް ކަމަށްވާ ގިޔާން ބަރޭ އާއި ޒިކާ ވައިރެސްއާ ގުޅުމެއްވާ ކަމަށް އެމެރިކާގެ ކޮލަމްބިއާގެ ހެލްތް މިނިސްޓަރު އަލެހާންޑްރޯ ގަވިރިއާ ވިދާޅުވެއްޖެ އެވެ.
ގިޔާން ބަރޭ ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް، މީހާގެ ނާރުގެ ނިޒާމުގެ ވަކި ބަޔަކަށް ހަމަލާދޭން ފަށަ އެވެ. ނަމަވެސް، ގިޔާން ބަރޭ ޖެހިގެން މީހުން މަރުވުމަކީ އާއްމުކަމެއް ނޫނެވެ.
"ތިން މީހަކު ޒިކާ ވައިރަސް ޖެހުމަށް ފަހު މަރުވެފައިވާ ކަން އަޅުގަނޑުމެންނަށް ޔަގީން ކުރެވިފައިވޭ. އެތިން މީހުން ވެސް މަރުވުމުގެ ކުރިން ގިޔާން ބަރޭ ސިންޑްރޯމް ޖެހުނު،" ކޮލަމްބިއާގެ ނެޝަނަލް ހެލްތް އިންސްޓިޓުއުޓްގެ އިސްވެރިޔާ، މާތާ ލޫސިއާ އޮސްޕީނާ ވިދާޅުވި އެވެ.
އެހެން ކަމުން، އެ ތިން މީހުންގެ މަރާއި ގިޔާން ބަރޭއާއި ޒިކާ ވައިރަހާ "ކޮންމެ ވެސް ވަރެއްގެ ގުޅުމެއް"ވާ ކަމަށް ކޮލަމްބިއާގެ ހެލްތް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ސިކުނޑިއާއި ނާށިގަނޑު ރަނގަޅަށް ނުއުފެދި ތުއްތުކުދިން އުފަންވާ ކޮންޑިޝަންއެއް ކަމަށްވާ، މައިކްރޯސެފަލީއާ ޒިކާ ވައިރަހާ ގުޅުމެއްވާ ކަމަށް ވެސް ސައިންސުވެރިން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ގިޔާން ބަރޭއާއި މައިކްރޯސެފަލީއާ ޒިކާ ވައިރަސްއާ ސީދާ ގުޅުމެއްވާ ކަން އަދި ޔަގީންކުރެވިފައި ނުވެ އެވެ.
ޒިކާ ވައިރަސް އާއްމުކޮށް ފެތުރެނީ އީޑީސް މަދިރީގެ ޒަރިއްޔާއިންނެވެ. ނަމަވެސް، އެމެރިކާ އިން ވަނީ ޖިންސީ ގުޅުމުގެ ޒަރީއާ އިން ވެސް ޒިކާ ވައިރަސް ފެތުރޭކަން ކަށަވަރުކޮށްދީފަ އެވެ.
ރާއްޖެ އިން ޒިކާ ވައިރަހުގެ އަލާމާތެއް އަދި ފެނިފައިނުވާ ކަމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. (ބީބީސީ)