06 Feb 2016, 12:22
މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ނަމުގައި ކުޅޭ އެއްޗެހީގެ ގޮތުގައި އޮޅުވާލައިގެން ބަޑިބޭސް ކޮންޓެއިނަރެއް އެތެރެކުރި އިރު، އެކަމަށް ނަގަން ޖެހޭ ހުއްދަ ނަގާފައި ވަނީ ކޮންޓެއިނަރު އެތެރެކުރިތާ ނުވަ ދުވަސް ފަހުން ކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީން ހިންގުމަށް ބޭނުންވާ ހަރަކާތްތަކަކާ ގުޅިގެން ހަވާއެރުވުމަށް ބޭނުންވާ ސާމާނު ރާއްޖެ އެތެރެ ކުރުމުގެ ހުއްދައަކަށް މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ޑިފެންސް މިނިސްޓްރީން ހުއްދަ ދިނީ އެމަހުގެ 14 ވަނަ ދުވަހުގައި ކަން އެނގެން އޮންނަ ކަމަށެވެ.
ނަމަވެސް ޖުލައި ފަސް ވަނަ ދުވަހު ކޮންޓެއިނަރު ވަނީ ކްލިއާކޮށްފަ އެވެ. ބަޑިބޭސް ފަދަ ތަކެތި ރާއްޖެ އެތެރެކުރެވޭނީ އެމްއެންޑީއެފްގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ވުމުން، ހުއްދަ ނުލިބެނީސް އެތަކެތި އެތެރެކުރުމުން އެކޮންޓެއިނަރު ރާއްޖެ އެތެރެކުރީ ދިވެހިރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
ހަމައެއާ އެކު، ކޮންޓެއިނަރު ޑިކްލެއާ ކޮށްފައި ވަނީ ކުޑަކުދިން ކުޅެންގެންގުޅޭ ޓޯއީސްގެ ގޮތުގައި ނަމަވެސް ކޮންޓެއިނަރާ ގުޅޭ ގޮތުން އެމްއެމްޕީއާރްސީ އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ބަދަލުކުރެވިފައިވާ ހުރި ލިޔެކިޔުންތަކުން އެމްއެމްޕީއާރްސީގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ވަނީ ބަޑިބޭސް ހުރި ކޮންޓެއިނަރެއްކަން އެނގެން އޮންނާތީ ބަޑިބޭސް ހުރި ކޮންޓެއިނަރެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ވަނީ މުދަލުގެ އަސްލު މައުލޫމާތު އޮޅުވާލައިގެން ބެލެވޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޭގެ އިތުރުން ޓޯއީސްގެ ގޮތުގައި އެތެރެ ކުރިން ބަޑިބޭހަށް ދައްކަން ޖެހޭ އިމްޕޯޓް ޑިއުޓީ ވެސް މިހާތަނަށް ދައްކާފައެއް ނުވެ އެވެ. ހަވާ ފަޓާސް ފަދަ ތަކެއްޗަކީ 35 ޕަސެންޓް ރޭޓްގައި އިމްޕޯޓް ޑިއުޓީ ނަގާގޮތަށް ހަމަޖެހިފައިވާ ތަކެއްޗެވެ.
އެހެންކަމުން އެ ކޮންޓެއިނަރުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 467،504 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
އޮޑިޓް ރިޕޯޓު ބުނާ ގޮތުން އެމްއެމްޕީއާރްސީގެ ނަމުގައި ރާއްޖެ ގެނައި ކޮންޓެއިނަރު އެތެރެކުރުމަށާއި އެ ކޮންޓެއިނަރުގައި ހުރި މުދާ ގަތުމަށް އެމްއެމްޕީއާރްސީގެ އެއްވެސް އެކައުންޓަކުން ފައިސާ ހަރަދުކޮށްފައި ނުވާ އިރު އެކުންފުނީގެ ނަމުގައި ގެނައި އެފަދަ އެއްވެސް އެއްޗެއްގެ ސްޓޮކް ރެކޯޑެއް ވެސް ބަލަހައްޓާފައެއް ނުވެ އެވެ.