20 Apr 2011, 20:52
އެމްޑީޕީގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ އަމާޒަކީ 20،000 ބިދޭސީ ލޭބަރުން ފޮނުވައިލުމަށް ފަހު 20،000 ދިވެހި ޒުވާނުންނަށް އެ ވަޒީފާތައް ހޯދައިދިނުން ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ސްޕެޝަލް އެންވޯއީ ޓްދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ވިދާޅު ވެއްޖެ އެވެ.
އދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި ތޮޑުއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ޒަކީ ވިދާޅުވީ، 20،000 ދިވެހި ޒުވާނުން ވަޒީފާ އަށް ފައްކާ ކުރުމަށް މިހާރު ވެސް އަލިމަގެއް ފެނިފައިވާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން އިންޑިޔާ އަށް ކުރެއްވި ދަތުރު ފުޅުގައި އެކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާ ސަރުކާރުގެ އިތުރު އެހީތެރިކަމާ އެކު ދިވެހި ޒުވާނުން ވަޒީފާތަކަށް ފައްކާ ކުރުމުގެ ތަމްރީންތައް ފެށޭވަރުވާނެ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ، ޒުވާނުންގެ ދައުރު މިހާރަށް ވުރެ ހަރުދަނާވެގެން ނޫނީ ލީޑަރުންތަކެއް ގައުމުގައި އުފެދޭނެ ގޮތެއް ނެތް ކަމަށެވެ. އެހެން ކަމުން ގައުމުގެ ހުރިހާ ދިމާލަކުން ޒުވާން ލީޑަރުންތަކެއް ނެރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަޒީފާގެ ތަމްރީންތަކެއް އެކަށީގެންވާ ގޮތެއްގައި ދިވެހި ޒުވާނުންނަށް ދެވިއްޖެ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ، ތަމްރީން ލިބިފައިވާ ބިދޭސީންނަށް ވުރެ ރަނގަޅަށް ދިވެހިން މަސައްކަތް ކުރާނެ. ދިވެހި ޒުވާނުންގެ ގާބިލްކަން އެކަމުގައި އެބަހުރި." ޒަކީ ވިދާޅުވި އެވެ.
އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ކުރެއްވި ދަތުރު ފުޅުގައި އެމްޑީޕީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ރަށްރަށުގައި ހުރި ޕާޓީގެ ގޮފިތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ވެސް އެނގިފައިވެ އެވެ.