06 Feb 2016, 13:01
އެމެރިކާ އިން 1971 ވަނަ އަހަރު ހަނދަށް ކުރި ކަމަށްބުނާ ތިންވަނަ ދަތުގައި ހަނދުގައި ހިނގި މީހާ، އެޑްގާމިޗެލް އުމުރުން 85 އަހަރުގައި މަރުވެއްޖެ އެވެ. މިޗޭލް މަރުވީ ދުވަސްކޮޅެއްގައި ބަލިވެ އުޅުމަށް ފަހު އޭނާގެ ސްޓޭޓް ކަމަށްވާ ފްލޮރިޑާގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ނަވާރަސަތޭކަ ގަތްދިހަ އެއް ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އެމެރިކާގެ ފަޒާއާ ބެހޭ އިދާރާ ނާސާ އިން ހަނދަށް ފޮނުވި ޖައްވީ އުޅަނދު އެޕޯލޯ 14 ނައްޓާލީ ފްލޮރިޑާގައި ހުންނަ ކޭޕްކެނޭވަރެލް ސްޓޭޝަނުންނެވެ. އެޕޯލޯ 14ގައި ހިމެނޭ ލޭންޑިން އުޅަނދު "އެންޓާރީސް" ހަނދުގައި ޖެއްސިކަމަށް ވަނީ ހަނދުގެ ފްރަމާވްރޯ ނަމަކަށްކިޔާ ސަރަހައްދެއްގަ އެވެ. އެ އުޅުނދު ހަނދަށް ތިރިކުރުމުގައި އިސްކޮށް ހުރީ މިޗޭލް އެވެ. މިއީ އެމެރިކާ އިން ހަނދަށް ކުރި ކަމަށް ބުނި ތިން ވަނަ ދަތުރެވެ.
އެޕޯލޯ 14ގެ މިދަތުރުގައި ތިން މީހުން ހިމެނުނުއިރު އެޑްގާމިޗެލް އަކީ އޭގެތެރެއިން އެކެކެވެ. މިއީ އިންސާނުންނާ އެކު އެމެރިކާ ހަނދަށް ކުރި ހަ ދަތުރުގެ ތެރެއިން ތިންވަނަ ދަތުރުގައި ހަނދުގައި ހަ ވަނަ އަށް ހިނގި މީހާ އެވެ. އެޕޯލޯ 14 ހަނދަށްކުރި ދަތުރުގައި ހިމެނޭ އަނެއް ދެމީހުން (އެސްޓްރޮނޯޓުން) ކަމަށްވާ ސްޓީވާޓް ރޫސާއާއި އެލަން ޝިބާޑް ވަނީ މަރުވެފަ އެވެ. ސްޓީވާޓް މަރުވީ 1998 ގަ އެވެ. ޝިބާޑް މަރުވީ 1994 ގަ އެވެ.
އެމެރިކާ އިން އިންސާނުންނާ އެކު ހަނދަށްކުރި ކާމިޔާބު ކަމަށް ބުނާ ހަ ދަތުރުގެ ތެރެއިން ފުރަތަމަ ދަތުރަކީ އެޕޯލޯ 11 އިން ކުރި ދަތުރެވެ. އެ ދަތުކުރީ 16 ޖުލައި 1969 ގަ އެވެ. އެ ދަތުރުގެ ކޮމާންޑަރަކީ ނީލް އާމެސްޓްރޯންގް އެވެ. ހަނދުގައި ފުރަތަމަ ފައިތިލަ ޖެއްސި އިންސާނަކީ އޭނާ ކަމަށް އެމެރިކާ ބުނެ އެވެ. ހަނދަށް ޖެއްސިކަމަށް ވަނީ 20 ޖުލައި ގަ އެވެ. ދެވަނައަށް އިންސާނުންނާ އެކު ހަނދަށް ދަތުރުކުރީ އެޕޯލޯ 12 އެވެ. އެއުޅަނދު ބިމުން ނައްޓާލީ 14 ނޮވެމްބަރު 1969 ގައެވެ. ތިންވަނައަށް މީހުންނާ އެކު ހަނދަށް އެމެރިކާ ކުރިދަތުރުގައި ބޭނުންކުރީ އެޕޯލޯ 14 ނަމަކަށްކިޔާ އުޅަނދެވެ. އެޑްގާމިޗެލް އިސްކޮށް ހުރީ މިދަތުރުގަ އެވެ.
އެއަށް ފަހު 26 ޖުލައި 1071 ގައި އެޕޯލޯ 15 ނަމަކަށްކިޔާ އުޅަނދެއްގައި ވެސް އެމެރިކާ އިން އިންސާނުން ހަނދަށް ފޮނުވި އެވެ. އެއަށް ފަހު އިންސާނުންނާ އެކު ހަނދަށް ޖެއްސިކަމަށް އެމެރިކާ ބުނާ ފަސްވަނަ އުޅަނދަކީ އެޕޯލޯ 16 އެވެ. އެއުޅަނދު ހަނދަށް ފޮނުވީ 16 އެޕްރީލް 1972 ގައެވެ. އެންމެފަހުން އިންސާނުންނާއެކު އެމެރިކާއިން ހަނދަށް ފޮނުވިކަމަށް ބުނާ އުޅަނދަކީ އެޕޯލޯ 17 އެވެ.
އެޕޯލޯގެ ދަތުރުތައް އެމެރިކާ އިން ހަނދަށް ކޮށްފައި ވަނީ އެމެރިކާގެ ޒުވާން ރައީސެއްކަމަށްވާ ޖޯންއެފް ކެނެޑީގެ ވެރިކަމުގަ އެވެ. އެޕޯލޯ މިޝަންތަކުގެ ޕްރޮގްރާމަކީ ސީދާ ރައީސް ކެނެޑީގެ ބެއްލެވުމުގެ ދަށުން ކެނެޑީ ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިޔަށް ގެންދެވި ދަތުރުތަކެވެ. އެމެރިކާއިން ހަނދަށް އެތަށް އުޅަނދުތަކެއް އިންސާނުންނާނުލައިވެސް ފޮނުވިއެވެ. މީގެތެރެއިން ބައެއް އުޅަނދުތައް ކާމިޔާބުކަމާއެކު ހަނދަށް ޖައްސާފައިވާ އިރު އަނެއްބައި އުޅަނދުތަކުގެ ދަތުރުތައްވަނީ ނާކާމިޔާބުވެފަ އެވެ.
ހަނދުގެ ހަގީގަތް ހޯދުމުގެ ޖައްވީ ދަތުރުތައް އެމެރިކާ އިން ފެށީ 1959 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެމެރިކާއިން އިންސާނުންނާ އެކު ހަ ދަތުރު ހަނދަށްކޮށް ހަނދުގެ ސަތަހުގައި އެމެރިކާގެ 12 މީހެއްގެ ފައި ޖައްސައި ހަނދުގައި ހިނގިކަމަށް ބުނި ނަމަވެސް އެމެރިކާގެ މިދަތުރުތަކުގެ ހަގީގަތާމެދު ގިނަ ބަޔަކު ޝައްކުކުރެ އެވެ. އަދި އެދުވަސްވަރު ފަޒާގެ އިލްމުގެ ގާބިލްކަން އެމެރިކާއަށް އެމިންވަރަށް ލިބިފައިނުވާކަމަށް ގިނަ ސައެންޓިސްޓުންވެސް ދެކެ އެވެ.
އެމެރިކާ ހަނދަށްކުރި ދަތުރުތަކުގައި ނަގާފައިވާ ފޮޓޯތަކުގައި ގަބޫލުނުކުރެވޭ އެތަށް ކަންތައްތަކެއް ހުރިއިރު އެކަންކަމާބެހޭ ގޮތުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި އެމެރިކާގެ ފަޒާއާބެހޭ އިދާރާ ނާސާވަނީ ނުކުޅެދިފަ އެވެ. މީގެތެރޭގައި ހަނދުގައި ހިނގި އެމެރިކާގެ ބައެއްމީހުންގެ ފައި ހަނދުގެ ފަސްގަނޑުގައި ގަނބައިގެންގޮސްފައި ހުރުމާއި ހަނދަކީ ވައިނެތްތަނެއްކަމަށްވާ އިރު ހަނދުގައި ޖެހިކަމަށް ފޮޓޯ އިން ދައްކާ އެމެރިކާގެ ދިދަ ވައިން ވިހުރިވި ހުރި ހުރުމުގެ އިތުރުން ގިނަސުވާލުތަކެއް ހިމެނެ އެވެ.
އެމެރިކާގެ އިތުރުން ހަނދަށް އުޅަނދުތައް ކާމިޔާބުކަމާ އެކު ފޮނުވި ގައުމުތަކުގެ ތެރޭގައި ކުރީގެ ސޮވިއެޓް ޔުނިޔަން (ރުސީވިލާތް)، ޗައިނާ، ޔޫރަޕްގެ އިއްތިޙާދު، ޖަޕާން އަދި އިންޑިޔާ ހިމެނެ އެވެ. އެމެރިކާއަށްވުރެ ވެސް ކުރިން އެންމެ ފުރަތަމަ ޖައްވަށް އިންސާނަކު ފޮނުވީ އަދި ހަނދަށް ކާމިޔާބުކަމާ އެކު އެންމެ ފުރަތަމަ އުޅަނދެއް ޖެއްސީވެސް ރޫސީވިލާތުން ނެވެ. ރޫސީވިލާތުން ލޫނާ 2 ނަމުގައި ހަނދަށް ފޮނުވި އުޅަނދު ހަނދުގެ ސަތަހުގައި ކާމިޔާބުކަމާ އެކު ޖައްސާފައިވަނީ 13 ސެޕްޓެމްބަރު 1959 ގައެވެ. އިންސާނަކު އެންމެ ފުރަތަމަ ފަޒާއަށް ފޮނުވީ ވެސް ރޫސީވިލާތުންނެވެ. އެއީ 12 އެޕްރީލް 1961 ގައެވެ. މި ތާރީޚީ ދަތުރުކުރީ ފަޒާއަށްކުރީ ރޫސީވިލާތުގެ އެސްޓްރޮނޯޓެއްކަމަށްވާ ޔޫރީ ގަގާރީން އެވެ. (ނޫސްއެޖެންސީތައް)