ރާއްޖެ ވަށައި ބުރު ޖެހުމަށް ދަތުރު ފަށާގައިވާ އަބްދުލްގަފޫރު އަލީ (ގައްބެ)، ރޭ ލ. ފޮނަދޫގައި ދެރޭ މަޑުކުރުމަށް ފަހު މިއަދު ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑު ހުރަސް ކުރުމަށް ނުކުމެއްޖެ އެވެ.

އެޓޯލް ސެއިލާސްގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކު) މިއަދު ސަން އަށް ވިދާޅުވީ ގައްބެ "ވަން އެންޑް ހާފް ޑިގްރީ ޗެނަލް" ހުރަސް ކުރުމަށް މިއަދު ނުކުތީ ހެނދުނު 6:30ގައި ކަމަށާއި މިއަދަކީ ވައި މަޑު ދުވަހެއް ކަމުން ކުރިން އެސްޓިމޭޓް ކުރި ގަޑި، ނުވަގަޑި އިރުގެ ތެރޭގައި އެ ކަނޑު ހުރަސް ނުކުރެވިދާނެ ކަމަށެވެ.

ނަސުރުﷲ ވިދާޅުވީ މިއަދު ވައި ޖެހެނީ ގަޑިއަކު ފަސް ނޯޓިކަލް މޭލުގެ ބާރުމިނުގައި ކަމަށާއި އެއީ ސެއިލިން ކުރުމަށް ވަރަށް މަޑުވައެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ގައްބެ ދަތުރު ކުރާ ކެޓަމަރާންއަކީ ރޭސް ވެސް ޖެހުމަށް ތައްޔާރުކޮށްފައިވާ ކެޓަމަރާންއެއް ކަމުން ފުދޭވަރަކަށް ބާރަށް ދުވާނެ ކަމަށެވެ.

ގައްބެ ހުވަދޫ ކަނޑު ހުރަސްކޮށް މިސްރާބު ޖަހާފައި ވަނީ ގއ. އަތޮޅު ވިލިގިއްޔަށެވެ. އެއީ ހުވަދޫ ކަނޑު ހުރަސް ކުރުމަށް ފަހު އެންމެ ކައިރީ މީހުން އުޅޭ ެރަށްވެސް މެ އެވެ.

ގައްބެގެ ރިޔަލުގައި ކުރާ ދަތުރުގައި މާލެ އިން ފުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ސިކޫ ވިދާޅުވީ މޫސުން ތަން ނުދިނުމުން ގައްބެގެ ދަތުރުން މިހާތަނަށް ތިން ދުވަސް ގެއްލިފައިވާ ކަމަށާއި މުޅީން ޝެޑިއުލްއާ އެއްގޮތަށް ނުދާ ކަމަށެވެ. އަދި ވިދާޅުވީ ދަތުރުގައި މަޑު ކުރާނެ ރަށްތަކާއި އެކަންކަން އެއްކޮށް މިހާރި ގައްބެގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ.

ގައްބެ ލަފާ ކުރަނީ ގިނަވެގެން 23 ދުވަހުގެ ތެރޭގައި އެ ދަތުރުކޮށް ނިންމާލުމަށެވެ.