އަމީތާބު އާއި އޭނާގެ އާއިލާ، ރާއްޖޭގައި ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުން އަންނަ ކަން އެ އާއިލާއިން ސޯޝަލް މީޑިއާގައި އާއްމު ކުރަމުންދާ ފޮޓޯތަކަށް ބަލާލުމުން އެނގެ އެވެ.

އަދި އަބީޝޭކުގެ 40 ވަނަ އުފަންދުވަސް ވެސް ވަރަށް ހާއްސަ ގޮތަކަށް ފާހަގަކޮށްފައިވާ ކަން، އެ އާއިލާއިން ސޯޝަލް މީޑިއާގައި އާއްމު ކުރި ފޮޓޯއަށް ބަލާލުމުން އެނގެ އެވެ.

އަބީޝޭކުގެ އިންސްޓާގްރާމް އެކައުންޓު މެދުވެރިކޮށް އާއްމު ކުރި އެ ފޮޓޯގައި، އަބީޝޭކު އާއި އަންހެނުން އައިޝްވަރިޔާ އަދި ދަރިފުޅު އަރާދިޔާ ފެނިގެންދެ އެވެ. އަދި އެމީހުންގެ ކުރިމަތިން "ހެޕީ ބާތު ޑޭ" އިނގިރޭސި ބަހުން، އަލިފާން ބޭނުންކޮށްގެން ދިއްލާލާފައިވެ އެވެ.

އަމީތާބު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއެއް ---

އަމީތާބުވެސް ވަނީ އޭނާ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ގޮތް ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަނަކަށް އަމީތާބު ލިޔެފައި ވަނީ "ބަދަހިކޮށް އުޅޭ އާއިލާ ދަތުރު ކުރާނީ އެކުގައި" މިހެންނެވެ.

އަމީތާބު އާއި އާއިލާ ރާއްޖެ އައިސްފައި ވަނީ، މިދިޔަ ބުދަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އަމީތާބު އާ އެކު އޭނާގެ އަންހެނުން ޖާޔާ އާއި ދަރިފުޅު އަބީޝޭކު އަދި ޝްވޭތާ ނަންދާ އާއި ދަނބިދަރި އައިޝްވަރިޔާގެ އިތުރުން ކާފަ ދަރިފުޅު އަރާދިޔާ ވެސް ރާއްޖެ އައިސްފައިވެ އެވެ.

މާލެ އަތޮޅުގައި އޮންނަ ވަން އެންޑު އޮންލީ ރީތިރަށް ރިސޯޓު ގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ އެއާއިލާ، ޗުއްޓީ ނިންމުމަށް ފަހު އަންނަ ހޯމަ ދުވަހު އިންޑިއާ އަށް ދާނެ ކަމަށް ބެލެވެ އެވެ.