ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދަށް މި އަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައި ވާތީ، އެ ގަވާއިދާ ގުޅޭ ގޮތުން އޮޑިވެރިންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މީރުބަހުރު ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދާ އެ ހަރަކާތް ކުރިއަށްގެންދަނީ ހަތަރު ސެޝަނަކަށް ބަހަލައިގެންނެވެ. މައުލޫމާތު ދެއްވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނެޝަނަލް މެރިޓައިމް ކޮންސަލްޓެންޓް މުހައްމަދު އިމްތިޔާޒް "ސަން" އަށް ވިދާޅުވީ، އަލަށް އެކުލަވާލި ގަވާއިދުގެ ބޮޑަތި ކަންތައްތަކުގެ ތެރޭގައި ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ނެގުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ކުރީގަ ވެއްޖެއްޔާ ލައިސަންސް ނަގާމީހާ އެއްޗެއް ދަސްކޮށްގެން ކޮމްޕިއުޓަރެއް ކައިރީ އިނދެ ޓެސްޓު ހަދާލަނީމި. ނަމަވެސް އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން އެމީހާ ވަކި ތަމްރީނެއް ލިބި ވަކި ކޯހެއް ހަދައިގެން ދެން ލައިސަންސް ހިފައިގެން ކަނޑަށް ނުކެމެވޭނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އަދި އަތޮޅުން ބޭރަށް ނުކުތަސް ސަލާމަތީ ކަންކަން ހުންނަނީ ހުންނަ އެއްގޮތަކަށް ކަމަށެވެ. ނަމަވެސް އަތޮޅުން ނުކުމެ، ދަތުރުކުރާ ދުރުމިނަށް ބަލާފައި އިތުރު ސަލާމަތީ އާލާތްތައް އޮޑިދޯނި ފަހަރުގައި ހުންނަން ޖެހޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

މިއަދުގެ ސެޝަންތަކުގައި އޮޑިދޯނި ފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި އުޅަނދުފަހަރުގެ ވެރިންގެ އިތުރުން އިކުއިޕްމަންޓް ވިއްކާ ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.