06 Feb 2016, 11:09
ޑޮލަރު ގަތުމުގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކި ފަހަރުމަތިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އަށް ދޫކުރި 13.31 މިލިއަން ޑޮލަރަށްވާ ފައިސާގެ ތެރެއިން 5.52 މިލިއަން ޑޮލަރު އަދިވެސް ނުދައްކާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޑޮލަރު ގަނެ ވިއްކުމަށް ދެ ކުންފުނީގެ ދެމެދުގައި 2014 ވަނަ އަހަރުން ފެށިގެން 6 އެއްބަސްވުމެއް އެކުލަވާލެވި، އެކި ފަހަރު މަތިން 15.42 ރުފިޔާގެ ރޭޓުން 13.31 ޑޮލަރު ގަތުމަށް 205.21 މިލިއަން ރުފިޔާ އެމްޕީއެލް އިން އެމްއެމްޕީއާރްސީ އަށް ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޑޮލަރު ވިއްކުމަށް ފައިސާ ހޯދާފައި ވަނީ އެމްއެމްޕީއާރުސީގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާ ހިލާފަށް ޑިރެކްޓަރުންގެ ބޯޑާ މަޝްވަރާކުރުމެއް ނެތި އަދި އެ ބޯޑުގެ ހުއްދަ ނުހޯދާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ފާއިތުވި ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޕީއެލްއަށް ދައްކާފައި ވަނީ 7.79 މިލިއަން ޑޮލަރު ކަމަށް ވާއިރު، ބާކީ 5.52 މިލިއަން ޑޮލަރު ދައްކާފައި ނުވާ ކަމަށެވެ.
އަދި އެމްއެމްޕީއާރްސީން ދައްކާފައިވާ ފައިސާ އަކީ ވެސް ރަށްތައް ވިއްކައިގެން ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ދެއްކި ފައިސާކަން ވަނީ ފާހަގަކޮށްފަ އެވެ.
ޑޮލަރު ގަނެ ވިއްކުމަށް ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް ބަލާއިރު، އެމްޕީއަލް އަށް ލިބެންޖެހޭ ފައިސާ ފާއިތުވި އޭޕްރީލް މަހުގެ ނިޔަލަށް ދައްކާ ހަލާސްކުރަން ޖެހެ އެވެ.
ނަމަވެސް، އެ ފައިސާ އެމްޕީއެލް އަށް ދެއްކުން އެކިފަހަރު މަތިން ފަސްކޮށްފައިވާ ކަމާއި، އެއީ އެމްޕީއެލް އިން ދިން ފައިސާ އެމްއެމްޕީއާރުސީ އަށް ލިބުމުން 15.32ރ.ގެ ރޭޓުން މިލޭނިއަމް ކެޕިޓަލް ހޮލްޑިން އަށާއި އެސްއޯއެފް އަށް ދޫކޮށްފައިވާ ޑޮލަރު ނުހޯދައި ލަސްކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އަދި ފައިސާ ދެއްކުން ފަސްކުރަމުން ގެންގޮސްފައި ވަނީ ދެ ކުންފުނީގެ ބޯޑުގެ ހުއްދަ ލިބިގެންކަން، އޮޑިޓް އޮފީހަށް ލިބިފައިވާ އެއްވެސް ލިޔެކިޔުމަކުން ކަށަވަރު ކުރެވެން ނެތްކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޕީއެލް އިން އެމްއެމްޕީއާރުސީ އަށް ޑޮލަރު ގަންނަން ފައިސާ ދޫކޮށްފައި ވަނީ ފައިސާ އެ ކުންފުނީގެ ފައިސާ އަށް އެންމެ ރައްކާތެރި ގޮތަށް ނޫން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.