ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ އަށް އަލިއަޅުވާލަފައި ނެތުމުން ވެރިކަން ކުރާ ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު ވައުދުތަކަށްވީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށް ކުރީގެ ކުޅިވަރާ ބަހޭ ވަޒީރު ހަސަން ލަޠީފު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނަކީ ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި ރާއްޖޭގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތައް ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަން ޖެހޭ ޚިޠޯބެކެވެ.

ރިޔާސީ ބަޔާނާ ގުޅޭ ގޮތުން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ލަތީފު ވިދާޅުވީ ސަރުކާރުގެ ކުޅިވަރު މެނިފެންޓޯގައި އެކި އަހަރުތަކުގައި ކުޅިވަރުގެ އެކި މަޝްރޫއު ހިންގުމަށް ހިމަނާފައިވާ ކަމަށާއި ނަމަވެސް ވެރިކަމުގެ ތިން ވަނަ އަހަރާއި ކުރިމަތިލާ އިރު އެއިން އެއްވެސް ކަމެއް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ.

އެގޮތުން ހަސަން ވިދާޅުވީ 2014 ވަނަ އަހަރު މާލޭގައި 33 މިލިއަން ރުފިޔާގެ ބާސްކެޓްބޯލް އެރީނާއެއް ގާއިމު ކުރުމަށާއި އަދި ހަމަ 2014 ވަނަ އަހަރު މާލޭގެ އިރުމަތީ ފަރާތުގައި 1.8 މިލިއަން ރުފިޔާގެ ބީޗް ސްޕޯޓްސް އެރީނާއެއް ގާއިމު ކުރުމުގެ އިތުރަށް ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ކްރިކެޓް ސްޓޭޑިއަމްއެއް ގާއިމު ކުރުމަށް ވައުދުވެފައިވީ ނަމަވެސް އެ އިން އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އަދި މިދިޔަ އަހަރު ހުޅުމާލޭގައި ވެސް ކްރިކެޓް ސްޓޭޑިއަމްއެއް ހުޅުވާނެ ކަމަށް ވައުދުވެފައިވާ އިރު މިދިޔަ އަހަރު އެފަދަ އެއްވެސް މަޝްރޫއެއް ފެނިގެން ގޮސްފައި ނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަދި މި އަހަރު މާލޭގެ ކުޅިވަރު އެކުވެނި ހުރި ބިމުގައި 28 މިލިއަން ރުފިޔާގެ ނެޝަނަލް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރުމަށް ވައުދުވެފައިވާ އިރު މި އަހަރުގެ ރިޔާސީ ބަޔާނުގައި 'ކުޅިވަރު' މިލަފުޒު ވެސް ނަންގަނެފައި ނުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް،" ކަމަށް އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުޅިވަރު މަޝްރޫއުތައް ހިންގެވުމުގެ ބަދަލުގައި ކުޅިވަރު މިނިސްޓްރީ އިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކި ވަކި އެސޯސިއޭޝަންތަކާ ދެކޮޅަށް ނުފޫޒުގެ ބޭނުން ކުރައްވަމުން ކަމަށް ހަސަން ތުހުމަތު ކުރެއްވި އެވެ.